'ބެޓްލް އޮފް ގަލްވާން'އަކީ ސަލްމާންގެ ކެރިއަރުގައި ކުޅުނު އެންމެ ޗެލެންޖިން ފިލްމު

އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ބެޓްލް އޮފް ގަލްވާން" އަކީ މިހާތަނަށް ކެރިއަރުގައި ކުޅޭ އެންމެ ޗެލެންޖިންގް ފިލްމު ކަމަށް އެކްޓަރު ބުނެފިއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޕޫރުވާ ލާކިއާ ޑައިރެކްޓް ކުރާ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހުނުއިރު މިއީ ފިޒިކަލީ ވެސް އެކްޓަރުގެ ކެރިއަރުގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއް ޗެލެންޖް ކަމަށް އެކްޓަރު ވަނީ ސިފަކޮށްފައެވެ.

މި ފިލްމަކީ 2020 ވަނަ އަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ސަލްމާން ކުޅޭ އަސްކަރީ އޮފިސަރުގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ފުރިހަމަކުރަމުން ދިޔަ ތަމުރީނުތަކަކީ އެކަމަށް ވަރަށް ގިނަ ވަގުތު ބޭނުންވި ކަމެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން ޚާންގެ ފިލްމު "ބެޓްލް އޮފް ގަލްވާން"ގެ ފަސްޓް ލުކްގައި އެކްޓަރު--ފޮޓޯ/ޕިންކްވިލާ

ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ، މީގެކުރިން ފިލްމުތަކަށް ތައްޔާރުވުމުގެ ގޮތުން ހަދާ އެފަދަ ތަމްރީނުތައް އެކްޓަރު ހޭދަކުރަނީ ހަފުތާއެއް ނުވަތަ ދެ ހަފުތާ ވަރު ކަމަށެވެ.

ނަމަވެސް، ފިލްމު "ބެޓްލް އޮފް ގަލްވާން"އާ ގުޅިގެން ފުރިހަމަ ކުރާ ތަމްރީނުތައް ދުވަހެއް ދުވަހަކަށްވުރެ ދިޔައީ އުނދަގޫވަމުން ކަމަށާއި ޚާއްސަކޮށް އިންޑިއާގެ ޔޫނިއަން ޓެރިޓަރީ 'ލަދާކް' ކަހަލަ ފިނި ސަރަހައްދެއްގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދިއުމަކީ ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ލަދާކްގެ ޝޫޓިންގްއަށް އިތުރަށް 20 ދުވަސް އެ ތަނުގައި ހޭދަކުރަން ތާވަލުކުރެވިފައިވާއިރު އަށް ވަރަކަށް ދުވަސް ފިނި ފެނުގައި ކުޅޭ މަންޒަރުތަކެއް ނެގުމަށް ހޭދަކުރަންޖެހޭ ކަމަށް ފިލްމު "ސިކަންދަރު"ގެ އެކްޓަރު ވަނީ ބުނެފައެވެ. މި ޝެޑިއުލް މި މަހުތެރޭ ކުރިއަށްދާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

މުސްލިމުން ފާހަގަކުރާ ފިޠުރު ޢީދު އަދި އަޟްޙާ ޢީދު ދުވަސްތަކާ ދިމާކޮށް ސަލްމާންގެ ފިލްމުތައް ރިލީޒްކުރަމުން އައި ނަމަވެސް "ބެޓްލް އޮފް ގަލްވާން" ރިލީޒްކުރާނީ އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ޖޫން މަހު ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހާ ދިމާކޮށް ގިނަ ފިލްމުތަކެއް ރިލީޒްކުރުމަށް ނިންމާފައިވާތީ މި ފިލްމު ރިލީޒްކުރާނެ ކަމަށް ބޮޑަށް ބެލެވެނީ އަންނަ އަހަރުގެ ޖޫން މަހުތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަލްމާނާ އެކު މި ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ޗިތުރަންގަދާ ސިންގްއެވެ.

comment ކޮމެންޓް