ސަންދީޕްގެ ފިލްމުން ދީޕިކާ ވަކިވީ މިހެންވެ

ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް"އިން ބަތަލާ ދީޕިކާ ޕަދުކޯން ވަކިވުމާ ގުޅިގެން ތަފާޓު އެކި ގޮތްގޮތަށް މީޑިއާގައި ވަނީ ވާހަކަދެކެވިފައެވެ.

ދީޕިކާ ފިލްމު "ސްޕްރިޓުން" ވަކިވި ސަބަބުތަކުގެ ތެރޭ ބޮޑު ފީ އަކަށް ޑިމާންޑު ކުރުމުގެ އިތުރުން ފިލްމުގެ ޝޫޓިންތަކުގައި ހޭދަކުރާނެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް، ބަތަލާ ފިލްމުން ވަކިވި ހަގީގީ ސަބަބަކީ އެއީ ނޫން ކަމަށް ސަންދީޕްއާ އެކީ ގާތުން މަސައްކަތްކުރާ މީހަކު ވަނީ މީޑިއާގައި ބުނެފައެވެ. އެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ފިލްމު "ސްޕިރިޓް"ގެ ސްކްރިޕްޓް ހަގީގަތުގައި ދީޕިކާއަށް ވަރަށް ކަމުދިޔަ ކަމަށެވެ.

ޑައިރެކްޓަރު އެޓުލީ އަދި ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ފިލްމުފެއަ

ނަމަވެސް، ސަންދީޕްގެ ފިލްމުގެ ސްކްރިޕްޓް ހުށަހެޅިތާ ހަފުތާއެއް ފަހުން ޑައިރެކްޓަރު އެޓުލީ އެކްޓަރު އައްލޫ އަރުޖުންއާ އެކު އުފައްދާ ފިލްމުން ދީޕިކާއަށް ފުރުސަތު ލިބުނު ކަމަށެވެ. އެޓުލީގެ ފިލްމު މާ ބޮޑަށް ކަމުދިޔުމުން ދީޕިކާ ނިންމީ އައްލޫ އަރުޖުންއާ އެކު އެ ފިލްމުގައި މަސައްކަތް ކުރުމަށް ކަމަށް ސަންދީޕްގެ ޓީމުގައި ހިމެނޭ ފަރާތުން ވަނީ ބުނެފައެވެ.

ދެ ފިލްމުގައި އެއްފަހަރާ މަސައްކަތް ކުރުމަކީ ފަސޭހަކަމަކަށް ނުވުމުން ދީޕިކާ ނިންމީ "ސްޕިރިޓް" ދޫކޮށްލަން ކަމަށާއި އެކަން ސަންދީޕަށް ވެސް ވަރަށް ރަނގަޅަށް ކިޔައިދިންއިރު "އެނިމަލް"ގެ ޑައިރެކްޓަރު އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ފިލްމު "ސްޕްރިޓް"އިން ވަކިވީ ޑައިރެކްޓަރު އެޓުލީގެ ފިލްމު މާބޮޑަށް ކަމުދިޔުމުގެ އިތުރުން ސަންދީޕް ހުށަހެޅި ފީއަށް ވުރެ ބޮޑު އަދަދެއް އެޓުލީ ދީޕިކާއަށް ހުށަހެޅުމުން ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ޑައިރެކްޓަރު އެޓުލީއާ އެކު ދީޕިކާ ސޮއިކޮށްފައިވާ ފިލްމު އިއުލާނުކޮށްފައިވާއިރު މި ފިލްމު އެޓުލީ ސިފަކޮށްފައި ވަނީ 'މެގްނަމް އޮޕަސް'ގެ ނަމުންނެވެ.

comment ކޮމެންޓް