ހިފާފައިވާ ގުދްސު (30 ޖުލައި 2025) : ކިތަންމެ ޕްރެޝަރެއް ކުރިނަމަވެސް ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓައި ނުލާނެކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ގުދްސުގައި ދިން ބަޔާނެއްގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަދްއޫން ސާއިރު ވިދާޅުވީ ހަމާސް ބަލިނުކޮށް ނުލެވި އަދި ހަމާސްގެ އަތްދަށުން އިސްރާއީލުގެ ރަހީނުން ވެސް މިނިވަން ނުކުރެވޭ ކަމަށާއި މި ހާލަތުގައި ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓުވަން އިސްރާއީލަށް މަޖުބޫރު ކުރެވޭނެ ފަރާތެއް ނޯންނާނެ ކަމުގައެވެ.
"ޔޫރަޕްގެ ބައެއްގައުމުތަކުން ގެންދަނީ އިސްރާއީލަށް ޕްރެޝަރު ކުރުމަށްޓަކައި ހަމާސްގެ ޓެރަރިޒަމަށް އެހީތެރިވަމުން، މިއީ ޔަހޫދީންނާ އެމީހުންގެ ދަރިފަސްކޮޅާ ޖައްސާލުން، ހަމާސްގެ ޓެރަރިޒަމަށް ހިއްވަރު ދިނުމަށާއި އެންޓި ސެމިޓިޒަމް ނުބައި ހަރަކާތްތަކަށް ވާގިވެރިވާން ޔޫރަޕްގެ އެގައުމުތައް ލަދުގަންނަން ޖެހޭނެ," ގުދުސުގައި ދިން ބަޔާނުގައި ޔޫރަޕްގެ ބައެއް ގައުމުތަކަށް އިންޒާރު ދެއްވަމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ގަދްއޫން ސާއިރު ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަސް ބުނުން ހުއްޓުވައި އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކުގެ ދޫ ބަންދުކުރަން އިސްރާއީލު ބޭނުންކުރާ ހަތިޔާރަކީ އެންޓި ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ޖައްސާލުންކަމަށް ބުނެ ހިންގާ ވިހަގަދަ ޕްރޮޕަގެންޑާއެވެ. ނަމަވެސް އިސްރާއީލުގެ މި ޕްރޮޕަގެންޑާގެ ހަގީގަތް މުޅި ދުނިޔެއަށް މިހާރު އެނގެއެވެ.
ޣައްޒާއަކީ 1967 ގައި ގަދަބާރުން އިސްރާއީލު ވެރިވެގަތް ފަލަސްތީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. މި މައްސަލަ ބެލުމަށްފަހު ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ދާދިފަހުންވަނީ ޣައްޒާއަކީ އިސްރާއީލު ޣައިރު ގާނޫނީ ގޮތުން އިސްތިއުމާރު ކޮށްގެން އުޅޭ ފަލަސްތީނުގެ ބިމެއްކަމަށާ އެބިމުން އިސްރާއީލު ޖެހޭނީ ފައިބަން ކަމަށް ބުނެ ހުކުމެއް ކޮށްފައެވެ.
އިސްރާއީލުވަނީ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގެ މިއަމުރަށް ގޮންޖަހައި ކޯޓަށް ނުކިޔަމަންތެރިކަން ދައްކައި ޣައްޒާ އިން ނުފައިބާނެކަމަށް ބުނެފައެވެ.
އިސްރާއީލުގެ އިސްތިއުމާރީ ވަކިތަކުން ފަލަސްތީނު މިނިވަން ކުރުމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައާއި ޙަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގެ ނަމުގައި މީގެ 21 ވަރަކަށް މަސްކުރިން އިސްރާއީލުވަނީ ޣައްޒާއާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް ފަށާފައެވެ.
އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި ހިމާޔަތާ އަދި ޖާސޫސީ މައުލޫމާތުގެ އެހީގައި އިސްރާއީލު ހަނގުރާމަ ކުރާތާ ދެއަހަރު ވާން ގާތްވެފައިވާއިރުވެސް ޣައްޒާގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފުނޑާލައި ޣައްޒާގެ އާންމުން މެރުން ފިޔަވައި އެނޫން ކަމެއް އިސްރާއީލަށް ކުރެވިފައެއް ނުވެއެވެ.
ހަމާސް ޖަމާއަތް ނައްތާ ނުލެވުމުގެ އިތުރުން ހަމާސް ބަލިކޮށްލެވިފައެއްވެސް ނުވެއެވެ. ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރަކުވެސް މިނިވަން ކުރެވިފައެއް ނުވެއެވެ. މިނިވަން ކުރެވުނު އަސީރުން މިނިވަން ކުރެވުނީ ހަމާސް އާއެކު އެއްބަސްވުންތައް ހަދައިގެންނެވެ. ގަދަބާރު ބޭނުންކޮށްގެނެއް ނޫނެވެ.
އަނެއްކޮޅުން ހަމާސްގެ ބިންގަރާސްތައްވެސް އިސްރާއީލަށްވެސް އަދި އެމެރިކާއާށްވެސް މި 21 މަސްތެރޭގައި ހޯދިފައެއް ނުވެއެވެ. އަސީރުން ތިބި ތަނެއްވެސް އެނގިފައެއް ނުވެއެވެ.
ހަމާސްއަކީ އެއްވެސް ފަރާތަކުން ހަތިޔާރު ނުލިބޭ އަދި ޣައްޒާގައި ވިއްސަކަށް އަހަރުވަންދެން މުޅިން ހިސާރު ކުރެވިފައިވާ ޖަމާއަތެކެވެ. ހަމާސް ބަލިކުރުމުގައިވެސް އަދި އަސީރުން މިނިވަން ކުރުމުގައިވެސް އިސްރާއީލު މުޅިން ފެއިލްވުމުން އިސްރާއީލުގެ އަސްކަރިއްޔާގެ ހަގީގީ ފެންވަރު ދުނިޔެއަށް ހާމަވެ އިސްރާއީލުވަނީ ބޭޒާރުވެގެން ގޮސްފައެވެ.
އަނެއްކޮޅުން ހަމާސްގެ ހިއްވަރުގަދަ ގެރިއްލާ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވަމުން ދިޔުމަކީވެސް އިސްރާއީލަށް ކުރިމަތިވެފައިވާ ވަރަށް ވޭންދެނިވި މައްސަލައެކެވެ.
އެމެރިކާ ދޭ ފައިޓާޖެޓްތަކެއްގައި ގޮސް ޣައްޒާގެ ހަތިޔާރުނެތް އާންމުންގެ ބޮލަށް ބޮންއަޅައި އެމީހުން މެރުން ނޫންކަމެއް ބާރުގަދަ ކަމަށް ދައުވާކުރާ އިސްރާއީލުގެ އަސްކަރިއްޔާއަށް ޣައްޒާގައި ކުރެވިފައެއް ނުވެއެވެ.
އިސްރާއީލުން ވަނީ ބޮންއަޅައިގެން ޣައްޒާގެ 70,000 އަށް ވުރެގިނަ އާންމުން ޝަހީދުކޮށްލައި ދޮޅު ލައްކައަށް ވުރެ ގިނަ އާންމުން ޒަޚަމްކޮށްލާފައެވެ. މިވަރުންވެސް ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް ލުމުގައި އިސްރާއީލުވަނީ ނާކާމިޔާބު ވެފައެވެ. މިކަން ކާމިޔާބު ނުވުމުން އިސްރާއީލުވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ނުދީ އެމީހުން ބަނޑަށް ޖެއްސުމުގެ ޖަރީމާތަކެއް ހިންގަން ފަށާފައެވެ.
މީގެއިތުރުން މަދު އަދަދެއްގެ ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒުތައް އެމެރިކާއާ ގުޅިގެން ޣައްޒާގައި ހަދައިގެން އެތަނަށް ކާބޯތަކެތި ބަލައިދާމީހުންގެ ގަޔަށް ބަޑިޖަހައި އިސްރާއީލު ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ 80 ވަރަކަށް މީހުން މަރަމުންނެވެ.
މި ޖަރީމާތަކަކީ ހިޓްލަރުގެ ވެރިކަމުގައި ނާޒީ ޖަރުމަނުންވެސް ނުހިންގާ ވަރުގެ ލައިންސާނީ ޖަރީމާތަކެއްކަމަށް މުޅި ދުނިޔޭގައި ސިފަކުރެވެމުްންދާއިރު އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އާންމު ރައްޔިތުން ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލަން ފަށާފައެވެ.
ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތައްވަނީ މަތިމަތިން ނަމަވެސް އިސްރާއީލާ ދެކޮޅަށް ބަސްބުނެ ބައެއް ފިއްތުންތައް އިސްރާއީލަށް ކުރިމަތިކުރަން ފަށާފައެވެ. ނެދަލޭންޑްސް އިންވަނީ އިސްރާއީލަކީ ނެދަލޭންޑްގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ފުރަތަމަ ފަހަރަށް ސިފަކޮށް ބަޔާނެއް ނެެރެފައެވެ.އަދި ނެދަލޭންޑްސް އިންވަނީ އިސްރާއީލުގެ ނުރައްކާތެރި ދެ ވަޒީރަކު އެގައުމަށް ވަނުން މަނާކޮށްފައެވެ.
ފަރަންސޭސިވިލާތުންވަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އިނގިރޭސިވިލާތާއި ކެނެޑާއިންވެސްވަނީ ޣައްޒާގައި ހިންގާ ޖަރީމާތައް އިސްރާއީލުން ނުހުއްޓާތީ އެކަމަށް ރައްދެއްގެ ގޮތުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވާނެކަމުގެ އިންޒާރު އިސްރާއީލަށް ދީފައެވެ.
އިނގިރޭސިވިލާތަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދައިދިން އިސްތިއުމާރީ ބާރުކަމަށްވެފައި އެމެރިކާ ފިޔަވައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމު ކަމަށްވާއިރު އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް ކަމެއް ކުރިޔަސް ކުރާނީ ކަންދެއްކުމުގެ ބޭނުމުގައި ކަމަށް އެގައުމުގެ ކުރީގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ޖޯޖް ގަލަވީ ވިދާޅުވިއެވެ.
މީގެއިތުރުން އަޔަލޭންޑާއި ސްޕެއިން އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން އިސްރާއީލާ ދެކޮޅަށްވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށާފައެވެ.
މިއާއެކުވެސް އެމެރިކާގެ އެހީ ލިބޭހާ ހިނދަކު އިސްރާއީލު އިނދަޖައްސައި ނުލެވޭނެކަމާއި ހަމައެކަނި އެމެރިކާއަށް ބަރޯސާވެގެންވެސް އިސްރާއީލަށް ބޭނުންގޮތަކަށް އުޅެވިދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ނަމަވެސް ކޮންމެވެސް ސަބަބުތަކަކާ ގުޅިގެން އެމެރިކާ އިސްރާއީލު ދޫކޮށްލައިފިނަމަ ނޫނީ އެމެރިކާއިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ ނޫނީ އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ބާރުގަދަ ފިޔަަވަޅުތަކެއް އަޅައިފިނަމަ މަދު މަސްތަކެއްގެ ތެރޭގައި އިސްރާއީލު އިނދަޖެހި ރޫޅިގެން ދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.