މައި އިދިކޮޅު އެމްޑީޕީގެ މުހިންމު ހަރަކާތްތަކަށް ބޭނުންކުރާ ދަނޑިކޮށި ޖަގަހައިގެ ދޮރު ހަލާކުކޮށްލި ކަމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ދޮރަށް ގެއްލުންދިން ކަމުގެ މައުލޫމާތު ރޭގެ ދަންވަރު 1:30 ހާއިރު ލިބިފައިވާ ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ގެއްލުން ދީފައި ވަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ބޮޑު ދޮރަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ މ. ސްޓާ / މާލެ، މުހައްމަދު ރަޒީން (49އ) އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުން ދާ ކަމަށެވެ.
މިކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ރަޒީން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކެފޭއަކަށް ވަދެ, ފައިން ޖަހައި އެ ކެފޭގެ ބިއްލޫރި ޝޯކޭސްއެއް ތަޅާލި މައްސަލައިގައި ވެސް ހައްޔަރުކޮށްފައެވެ.
އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު, އައިޖީއެމްއެޗްގައި ފުލުހުންނަށް ހުރަސްއަޅައި ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް އޭނާ ހައްޔަރު ކުރިއެވެ.