ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ދެ ބޭފުޅުންގެ ތެރެއިން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ފަހަކާ ޖެހެންދެން ކުރެއްވި މުހައްމަދު ޝަހީދު ނަން ގެންދެވުމުން، މިރޭ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެކަނި ފަނޑިޔާރުކަމުގެ ހުވާކުރައްވައިފިއެވެ.
ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން ޝަހީދާއި ޖަމީލް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިދިޔަ މަހު 30 ގައެވެ.
އެކަމަކު، އެ ނިންމުމާ އެކު ޝަހީދަކީ މި ފަހާ ޖެހެންދެން ވެސް މި ސަރުކާރުގެ ސިޔާސީ މަގަމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ މިދިޔަ މަހު 10 ވަނަ ދުވަހު، ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ. ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލީ އެ ދުވަހެވެ.
އެހެންވެ، ގިނަ ބަޔަކު ވަނީ އެއީ ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުމެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.

ހަައިކޯޓަށް އައްޔަންކުރަން ޖޭއެސްސީން ނިންމި ޝަހީދު: އޭނާ ވަނީ ނަން ނަގަން ހުށަހަޅުއްވާފައި --
އެ ފާޑުކިޔުންތަކާ ގުޅިގެން ފަނޑިޔާރުކަމުން ނަން ނަގަން އެދި ޖޭއެސްސީއަށް ޝަހީދު ސިޓީއެއް ހުށަހަޅުއްވާފައިވާކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. ނަން ނަގަން އެދި އޭނާ ހުށަހެޅުއްވީ މިރޭ މަގާމުގެ ހުވާކުރައްވަން ވެސް ތާވަލުކޮށްފައިވަނިކޮށެވެ.
ހައިކޯޓަށް ފަނޑިޔާރުން ހުވާ ކުރުމަށް މިރޭ ރަސްމިއްޔާތު ބޭއްވިއިރު، މަގާމުގެ ހުވާ ކުރެއްވީ ޖަމީލް އެކަންޏެވެ.
ޝަހީދަކީ މިދިޔަ ރިޔާސީ އިންތިޚާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިޚާބުގައި ވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އަދި، ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ސަރުކާރު ދިފާއުކުރުމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދައަށް ވަކާލާތުކުރެއްވި ސިޔާސީ ބޭފުޅެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވުމެވެ. އެ ގޮތުން، ހުވާކުރެއްވި ދުވަހު ވެސް އެ މަނިކުފާނު ވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ނިންމީ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން އަންނަނިކޮށް، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން ވެސް މީގެ ކުރިން ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ. އޭރު ވަކިކުރި ފަނޑިޔާރުން ވަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެކަމަކު، ރައީސް މުއިއްޒު އެ ވާހަކަތައް ދޮގުކުރައްވައެވެ.