އޭކަންގެ ޝޯތަކެއް އިންޑިއާގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ރާ-ވަން"ގެ މަޝްހޫރު ލަވަ 'ޗައްމަކް ޗައްލޯ' ލަވައަށް އަޑު އަޅާދީފައިވާ އެމެރިކާގެ ލަވަކިޔުންތެރިޔާ އޭކަން އިންޑިއާގައި ޝޯތަކެއް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޭކަންގެ ޝޯތަކެއް އިންޑިއާގައި ދޭނެކަން އިއުލާނުކޮށްފައިވަނީ އިންޑިއާގެ ތިން ސިޓީއެއްގައެވެ. އެއީ، ވެރިކަން ކުރާ ނިއު ދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައެވެ.

އޭކަންގެ ޓުއާ ރޭވިފައި އޮތްގޮތުން ނޮވެންބަރު މަހުގެ ނުވަވަނަ ދުވަހު ނިއު ދިއްލީގައި ޝޯ ދިނުމަށް ފަހު ދެން އޭނާ ދަތުރު ފަށާނީ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ބެންގަލޫރުގައި ޝޯ ބޭއްވުމަށެވެ. އެއަށް ފަހު މި ޓުއާގެ އެންމެ ފަހު ޝޯ ދިނުމަށް ނިންމާފައިވަނީ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ބޮލީވުގެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު އަދި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިންޑިއާއަށް ޒިޔާރަތްކޮށްފައިވާ ބައިނަލްއަޤުވާމީ ލަވަކިޔުންތެރިޔާ ބުނެފައިވަނީ، އިންޑިއާއަށް ކުރާ ދަތުރުތަކަކީ އަބަދު ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ދަތުރުތައް ކަމަށެވެ.

އެ ޤައުމުން އޭނާއަށް މިހާތަނަށް ލިބުނު ލޯތްބާ އެކު އިހުސާސް ކުރެވެނީ އަމިއްލަވަންތަ ތަނަކަށް އެނބުރި ދެވޭކަމުގެ އިހުސާސް ކަމަށް އޭކަން ވަނީ ބުނެފައެވެ.

އޭކަންގެ ޓުއާ އިންތިޒާމްކުރާ އިންޑިއާގެ ކުންފުނި ވައިޓް ފޮކްސްގެ ކޯ-ފައުންޑަ އަމަން ކުމާރު ބުނެފައިވަނީ، އިންޑިއާގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އޭކަން އެނބުރި އިންޑިއާއަށް ގެނައުމަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކަމެއް ކަމަށާއި އެކަމާ އުފާފާޅުކުރާ މީހުން ވަރަށް ގިނަ ކަމަށެވެ.

އޭކަންގެ މިފަހަރުގެ ޓުއާއަކީ ވެސް އެހެން ޓުއާތަކާ އެއްގޮތަށް ލަވަކިޔުންތެރިޔާ ހަނދާނުން ނުފިލާނެ އުފާވެރި ތަޖުރިބާތަކެއް ކުރާނެ ޓުއާއަކަށް ހެދުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށް އަމަން ވަނީ ބުނެފައެވެ.

އުމުރުން 52 އަހަރުގެ ކުޅަދާނަ ލަވަކިޔުންތެރިޔާގެ އެންމެ ފަހުގެ އަލްބަމަކީ 2019 ވަނަ އަހަރު ރިލީޒްކުރި 'އެކޮންޑާ'އެވެ.

comment ކޮމެންޓް