މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އެދިވަޑައިގަތުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށްފަހު ވެސް ޑޮލަރުގެ މައްސަލަ ހައްލުވާނެ ދުވަހެއް އޭނާ ކޮމިޓީގައި ވިދާޅުނުވާ ކަމަށް 'ސަން'އަށް އެނގިއްޖެއެވެ.
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފައެވެ.
ކަން އެހެން އޮއްވައި އެ މައްސަލައިގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ވެސް އެދިވަޑައިގަތީ ގަވަރުނަރު އަމިއްލައަށެވެ.
ނަމަވެސް، ކޮމިޓީ ސިއްރުކުރުމާ ދެކޮޅަށް ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މުޅި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނުފެންނަ ކަމަށާއި އެއީ ޑޮލަރުގެ ދަތިކަމުގެ މައްސަލައިގައި އާންމުންގެ އެތައް ކަންބޮޑުވުމެއް ހުރުމުން ކަމަށެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރަކު 'ސަން' އަށް ވިދާޅުވި ގޮތުގައި އެ ކޮމިޓީގައި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން އެކި މަޝްވަރާތައް މެންބަރުންނާއެކު ގަވަރުނަރު ކުރެއްވިއެވެ. އެހެންނަމަވެސް ޑޮލަރުގެ މައްސަލަ ހައްލުވެ، ޑޮލަރުގެ އަގު ދަށްވާނެ ދުވަހެއް މުނައްވަރު ވިދާޅެއްނުވާ ކަމަށް އެ މެންބަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ 12 މެންބަރުން: ސިޓީއަށް ގަވަރުނަރު ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ ގަވަރުނަރާ ބައްދަލުކުރަން މެންބަރުން ވަނީ އެމްއެމްއޭއަށް ވަޑައިގެންފައި --- ފޮޓޯ/ އެމްޑީޕީ
އެ މައްސަލައިގައި މީގެކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ތަކުރާރުކޮށް އެމްއެމްއޭއަށް ގޮސް، މުނައްވަރާ ބައްދަލުކުރަން މަސައްކަތްކޮށްފައެވެ. އެކަމަކު، ގަވަރުނަރާ ބައްދަލުނުވާތީ، ގަވަރުނަރު އާންމުންނަށް ފިއްލަވަނީ ކަމަށް ބުނެ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އެރިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.
ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޑޮލަރުގެ ވިޔަފާރިކުރާ މީހުން ޑޮލަރުގެ ވިޔަފާރިކުރުމަށް ގަންނަ ރޭޓަށް ވުރެ ބޮޑުކޮށް އާންމުންނަށް ވިއްކަން މިވަނީ ފަށައިފައެވެ. ޑޮލަރުގެ ވިޔަފާރިކުރާ މީހުން 20 ރުފިޔާއަށް ގަތުމަށްފަހު، ކަޅު ބާޒާރުގައި އާންމުންނަށް ވިއްކަނީ ފައިދާ ލުމަށްފަހު، 20.15 އަށެވެ.
މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. ސަރުކާރުން ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ. މިދިޔަ އޭޕްރީލް މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.