އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025 ގެ ފުރަތަމަ ހީޓުން އެއްވަނަ ހޯދައިގެން ރާއްޖޭގެ އަހުމަދު އާގިލް (އައްމަޑޭ) ތިންވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި އައްމަޑޭ ވާދަކުރި ހީޓު ކުރިއަށްދިޔައީ މިއަދު ހެނދުނެވެ.
ފުރަތަމަ ބުރުގައި އައްމަޑޭ ވަނީ އޭނާ ވާދަކުރި ހީޓު 11 ގައި ރަނގަޅު ނަތީޖާއެއް ނެރެފައެވެ. އެއްވަނަ މަގާމު އައްމަޑޭ ހޯދިއިރު، ދެވަނަ ހޯދީ ސިންގަޕޫރުގެ ޖޫލިއަން ސްޕެކް އެވެ. އަދި ތިންވަނަ ހޯދީ ލުބުނާނުގެ އަލްފްރެޑް ބާޑް އެވެ.
ފުރަތަމަ ހީޓުގެ އެއްވަނަ މަގާމު އައްމަޑޭ ހޯދާފައިވަނީ ޖުމްލަ 7.67 ސްކޯކޮށްގެންނެވެ. އައްމަޑޭ އެންމެ ބޮޑު ތަފާތެއް ދެއްކީ ފުރަތަމަ ރާޅާއި ފަހު ރާޅުގައެވެ. ދެވަނަ ހޯދި ޖޫލިއަން ވަނީ 5.80 ސްކޯކޮށްފައެވެ.
މީގެއިތުރުން މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު ވަނީ ދެވަނަ މަގާމާއެކު ރެޕޯ ރައުންޑުން ފުރުސަތު ހޯދާފައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ އެ ތިން ފިރިހެން ރާޅާއެޅުންތެރިންގެ އިތުރުން، ޖޫނިއާ އެތުލީޓުންގެ ތެރޭގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު އަދި ކަޔާން އަބްދުالله އަރީފެވެ. އަދި އަންހެން ރާޅާއެޅުންތެރިންނަކީ މަރިޔަމް ރާހިލް ނަސީމް، ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު) އެވެ.