އެއްވެސް ގާނޫނެއްގެ ދަށުން ޓެކުހެއް ދައްކަން ޖެހޭކަން އެނގިހުރެ ގަސްދުގައި ރެކުމުގެ ނިޔަތުގައި، ޓެކްސް ދެއްކުމާ ގުޅޭގޮތުން އަންގަން ޖެހޭ އެންގުމެއް ނޭންގުމާއި އެއިން ގާނޫނެއްގެ ދަށުން ހުށަހަޅަން ޖެހޭ މައުލޫމާތެއް ހުށަނާޅައިފިނަމަ ގިނަވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އިސްލާހުގެ ބޭނުމެއް ކަމަށް އޮތީ، މި ގާނޫނުގެ ދަށުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ޓެކުހުގެ ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚްތިޔާރު މީރާއަށް ދީ، ޓެކުހާ ގުޅޭ ކުށާއި އަދަބުތައް އިސްލާހުކޮށް، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމުގައި މީރާއަށް ލިބިދޭން ޖެހޭ ބާރު މުރާޖައާކުރުމެވެ.
އެގޮތުން މި އިސްލާހުގައިވާ ގޮތުން، ޓެކުހުގެ ބަޔާނުގައި ސައްހަނޫން މައުލޫމާތެއް ހިމަނާފައިވާ ނަމަ، ނުވަތަ އެ ބަޔާނުގައި ބައެއް މައުލޫމާތު އުނިކޮށްފައިވާ ނަމަ، ނުވަތަ މާލީ ހިސާބުތަކުގައި ވެސް ސައްހަ މައުލޫމާތު ހިމަނާފައިނުވާކަން ސާބިތުވެއްޖެ ނަމަ، އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން ރެކުމަށް ކަމުގައި ބެލެވޭނެއެވެ.
އިސްލާހުގައިވާ ގޮތުން ޓެކުހާ ގުޅޭގޮތުން ހުށަހަޅަން ޖެހޭ އެއްވެސް މައުލޫމާތެއް ހުށަނާޅައިފިނަމަ އަދި އެކަމުގައި ޓެކުހާ ބެހޭ ކޮމިޝަނާ ޖެނެރަލަށް އެއްބާރުލުން ނުދީފިނަމަ، އެ ވެސް ބެލެވޭނީ ޓެކްސް ދެއްކުމުން ރެކުމުގެ ގޮތުގައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ޓެކްސް ބަޔާން ހުށަނާޅާ ކޮންމެ ދުވަހަކަށް 50 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އިސްލާހުގައިވާ ގޮތުން ޓެކްސް ބަޔާން ހުށަނާޅާ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބަކީ އެ ފަރާތެއް އެއް މަސްދުވަހާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ގާނޫނު އިސްލާހުވެއްޖެ ނަމަ ޓެކްސް ބަޔާން ހުށަނާޅައިފިނަމަ އަދަބެއްގެ ގޮތުން އެ ފަރާތެއް 250،000ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވި، ގޭ ބަންދުގެ ބަދަލުގައި އެ ފަރާތެއް އެއް މަހާއި ހަ މަހުގެ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.
ހަމަ އެއާއެކު ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ، މިހާރު ގާނޫނުގައިވާ ގޮތުން، ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ 0.05 ޕަސެންޓުން ޖޫރިމަނާކުރެވެއެވެ. ގާނޫނު އިސްލާހުވެއްޖެ ނަމަ އެ އަދަދު 0.1 ޕަސެންޓަށް އިތުރުވެގެން ދާނެއެވެ.
ހަމަ އެއާއެކު މީރާއިން ފޮނުވާ ނޯޓިސްތައް ރައްދުކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެސްފިނަމަ ފަސޭހަވެގެން ދާނެއެވެ. އެގޮތުން ގާނޫނު އިސްލާހުކޮށްފިނަމަ، ޓެކްސް ދައްކާ ފަރާތުން މީރާއަށް ދީފައިވާ އެޑްރެހަށް، ނުވަތަ އީމެއިލް އެޑްރެހަށް، ނުވަތަ އޮންލައިން ޕޯޓަލަށް، ނުވަތަ މީރާގެ މުވައްޒަފަކު އެ ނޯޓިސް ހަވާލުކުރުމުން ނޯޓިސް ރައްދުވީ ކަމަށް ބެލެވޭނެއެވެ.