ލަންކާއިން ދިވެހީންނަށް މިހާރު އެއް އަހަރަށް މެޑިކަލް ވިސާ ލިބޭނެ

ލަންކާގެ ރައީސާއި ރައީސް މުއިއްޒު: ލަންކާގައި ދިރިއުޅޭ ދިވެހީންނަށް މިހާރު އެއް އަހަރަށް މެޑިކަލް ވިސާ ލިބޭނެ --- ފޮޓޯ/ ރައީސް އޮފީސް

ސްރީ ލަންކާއަށް ބޭސް ފަރުވާއަށް ދާ ދިވެހީންނަށާއި އެ ގައުމުގައި ކިޔެވުމަށާއި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް މި މަހުން ފެށިގެން އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް އެ ގައުމުން ނިންމާފައި ވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ، ވިސާއަށް އެދޭ މީހުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. ޚާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

"ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ،" މިނިސްޓްރީން ބުންޏެވެ.

ލަންކާއިން ދިވެހީންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޭން ނިންމައިފައިވާކަން އިއުލާންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ 28ގައެވެ. އެއީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަކަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެބޭފުޅުން ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ.

މި ބަދަލު ގެނައުމުގެ ކުރިން ލަންކާއަށް ދިވެހީން ދިއުމާއެކު 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެއެވެ. އެއަށްވުރެ ދިގުމުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ޖެހޭނަަމަ އޮންލައިންކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެންޖެހެއެވެ.

ލަންކާގެ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ވަނީ، ސްރީލަންކާގެ ރައްޔިތުން ރާއްޖެ އައުމުން ތިން މަސްދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފައިވާކަން ވެސް އިއުލާންކޮށްފައެވެ. އެގޮތުން، ލަންކާގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން މިދިޔަ އަންގާރަ ދުވަހު ފަށައިފައެވެ.

ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށްވަނީ 60 އަހަރު ފުރިފައެވެ.

comment ކޮމެންޓް