ކޮންމެ އަހަރެއްގެ ހޫނު މޫސުން ނުވަތަ ސަމާ ދުވަސްކޮޅާ ދިމާކޮށް އެންމެން ދައްކާ އެއް ވާހަކައަކީ ދުވަސްވަރަށް ޚާއްސަ ލަވައެއްގެ ވާހަކައެވެ. މިއީ މުޅި އެ ދުވަސްކޮޅުގެ މޫޑާއި ތީމު ސެޓުކޮށްލާނެ ލަވައެވެ. ނަމަވެސް މި އަހަރުގެ ސަމާ ނިމެން ގާތްވިއިރުވެސް ސަމާ ހިޓެއް ނެތެވެ.
މިދިޔަ އަހަރުގެ ސަމާ ވެގެން ދިޔައީ މިއުޒިކްގެ އެންމެ ބޮޑު ހިޓުތައް ނެރުނު ދުވަސްވަރަށެވެ. މުޅި ދުވަސްކޮޅު އޮތީ މި ލަވަތަކުން ހުރިހާ ތީމުތަކާއި ފެޝަން އަށްވެސް ނުފޫޒު ފޯރުވާފައެވެ.
އިނގިރޭސިވިލާތުގެ އާޓިސްޓް ޗާލީ އެކްސީއެކްސްގެ "ބްރެޓް ސަމާ"ވީ މިދިޔަ އަހަރުގެ ސަމާގެ މުޅި ސްލޯގަން އަށެވެ. ނިއޯން ފެހި ކުލައިގެ އަލްބަމް ކަވަރާއި އާދައިގެ ފޮންޓު ބޭނުންކޮށްގެން ޕްރޮމޯޓުކުރި އެ އަލްބަމް ވީ އެ ދުވަސްވަރުގެ އިތުރުން މުޅި އަހަރުގެ އެންމެ ބޮޑު ހިޓަށެވެ.
ބޮޑެތި ބްރޭންޑުތަކުން އަހަރުގެ ޕްރޮޑަކްޓުތައް ވެސް ޕްރޮމޯޓުކޮށްފައިވަނީ އެއަށްފަހު އެ ތީމާއެކުގައެވެ. އަދި އަލްބަމަށް އެންމެ ބޮޑު ކާމިޔާބީއަކަށް ވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައިވެސް ބްރެޓް ސަމާ ބޭނުން ކުރުމުންނެވެ.
އޭރު ވެރިކަމުގައި އޮތް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމާލާ ހެރިސްގެ ޕްރޮމޯޝަންގައި ބްރެޓް ސަމާ ބޭނުން ކުރުންވީ އަލްބަމްގެ ނުފޫޒު ފޯރާފައިވާ މިންވަރު ދައްކުވައިދިން ކަމަކަށެވެ.

މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ ޗާލީ އެކްސީއެކްސްގެ "ބްރެޓް ސަމާ" އަލްބަމް --
އޭގެއިތުރުން ޒުވާން ލަވަކިޔުންތެރިޔާ ސެބްރީނާ ކާޕެންޓާގެ "އެސްޕްރެސޯ" ވެސްވީ ސަމާގެ ބޮޑު ހިޓަކަށެވެ. އޭރު މި ލަވަ އަޑު ނީވޭ ތަނެއް ނެތެވެ. މާލޭގެ ގިނަ ކެފޭތަކުން ވެސް ޖޫން، ޖުލައި އަދި އޯގަސްޓް މަހު ވެސް އިވުނީ މި ލަވައެވެ.
ނަމަވެސް މިއަހަރުގެ ސަމާ ނިމުމާ ގާތްވަމުންދާއިރު އެ ލަވަތަކާ ގާތްކުރާ ވަރަށް ވެސް ނުފޫޒު އޮތް އެންމެ ލަވައެއް ވެސް އާންމުވެފައެއް ނުވެއެވެ. ސަމާ ހިޓަކަށް ވުމަކީ އާޓިސްޓުންގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެކެވެ. އެއީ މި ހިޓާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ލަވަ ބޮޑު ހިޓަކަށް ވުމުގެ ޔަގީންކަން އޮންނާނެތީއެވެ.
ބައެއް ފޭނުން ބުނާގޮތުގައި ސަމާ ހިޓަކަށް ވެދާނެ ބައެއް ލަވަތައް އާންމުވެފައިވެއެވެ. ނަމަވެސް އެ ލަވަތަކުގެ ކާމިޔާބީ މިދިޔަ އަހަރުގެ ކާމިޔާބީއާ ގާތް ނުވާ ކަމަށްވެސް ފޭނުން ގަބޫލު ކުރެއެވެ. މި ދުވަސްކޮޅަށް ހިޓެއް ނެތުމަކީ ފޫހި ކަމެއް ކަމުގައިވެސް އެތައް ބަޔަކު ގަބޫލު ކުރެއެވެ.
މިއީ ސަމާ ދުވަސްކޮޅަށް އެންމެ މަގުބޫލުކަމަށް މިދުވަސްކޮޅު ގިނަ ބަޔަކު ގަބޫލުކުރާ ބައެއް ލަވަތަކެވެ.
1. ޒާރާ ލާސަންގެ "މިޑްނައިޓް ސަން"
2. ބްލެކްޕިންކްގެ "ޖަމްޕް"
3. ސެބްރީނާ ކާޕެންޓާގެ "މޭންޗައިލްޑް"
4. ކެޓްސްއައިގެ "ނާލީ"
5. ޕިންކްޕެންތުރެސްގެ "އިއްލީގަލް"