ފިނޭންސްގެ ބަހެއް ނުލިބި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ނުނިމި އަހަރެއް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިނޭންސްގެ ބަހެއް ނުލިބި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ނުނިމި އޮންނަތާ އަހަރެއްވެއްޖެ -- ފޮޓޯ/ ރައީސް އޮފީސް

ފިނޭންސް މިނިސްޓްރީން ލިބެން ޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބިލުގެ މަސައްކަތް ނުނިމި ލަސްވާތީ މާލިއްޔަތު ކޮމިޓީގެ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ސަރުކާރުން އެސްޑީއެފް ބިލު މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ 19 ވަނަ މަޖިލީހުގައެވެ. އޭރު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ ބިލު ބޭރުކޮށްލި ފަހުން މިހާރު ވެރިކަންކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ 20 ވަނަ މަޖިލީހަށް ސަރުކާރުން މި ބިލު ހުށަހެޅީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކޮމިޓީ މަރުހަލާގައި މި ބިލު އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ އިދާރީ މޭޒުން ބުނީ، ކޮމިޓީއަށް އެސްޑީއެފް ބިލް ލިބުމާއެކު ފިނޭންސް މިނިސްޓްރީއަށް ބިލު ފޮނުވުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރިކުއަޔަމަންޓާ އެއްގޮތަށް އެ މިނިސްޓްރީން ބިލު އިސްލާހުކުރަން ބޭނުންވާ ކަމަށް މިނިސްޓްރީން ބުނި ކަމަށެވެ. އެކަމަކު، އެ އިސްލާހުތައް ކޮމިޓީއަށް ލިބުނީ ތިން މަސް ފަހުންނެވެ.

އޭގެ ފަހުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މިދިޔަ ދައުރު ނިމުމުގެ ކުރިން ބިލާ ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް ހޯދުމަށް ބިލު ފޮނުވިތާ ހަތަރު މަސް ފާއިތުވެގެންދިޔަ ކަމަށާއި، އޭގެ ފަހުން ކޮމިޓީން ސިޓީއެއް ފޮނުވުމުން ބިލަށް އިސްލާހު ހުށަހަޅަން އިތުރު ވަގުތު ބޭނުންވާ ކަމަށް މިނިސްޓްރީން ބުނި ކަމަށް ވެސް އިދާރީ މޭޒުން ބުންޏެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: އެސްޑީއެފް ބިލުގެ މަސައްކަތް ލަސްވާތީ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ މަޖިލިސް

މިކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އެސްޑީއެފް ބިލުގެ މަސައްކަތް ލަސްވަނީ ފިނޭންސް މިނިސްޓްރީއާއި ބަންޑާރަނައިބުގެ ފަރާތުން ބައެއް އިސްލާހުތައް ނުލިބުމުން ކަމަށާއި ޚާއްސަކޮށް ފިނޭންސް މިނިސްޓްރީން ލިބެން ޖެހޭ މައުލޫމާތު ނުލިބުމުން ކަމަށެވެ.

މީގެ އިތުރުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މުއައްސަސާތަކުން މައުލޫމާތު ނުލިބިގެން ބިލު ހިފަހައްޓަން ޖެހުމަކީ މައްސަލައެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު މައްސަލައެއް، އަޅުގަނޑުމެން އެބަޖެހޭ އެ ތަންތަނަށް ފޮނުވާއިރު މިވެނި ދުވަހެއްގެ ކުރިން ފޮނުވަދޭށޭ ކިޔާފައި ފޮނުވަން. ދެން ނުފޮނުވައިފިއްޔާ ނުލިބޭ އެއްޗަކަށް ހަދާފައި ކުރިއަށް ދާން ނޫންތޯ ޖެހޭނީ،" ޣަފޫރު ވިދާޅުވިއެވެ.

ބިލެއް ރައްޔިތުންގެ މަޖިލީހާ ހިސާބަށް އަންނަން ޖެހޭނީ އުސޫލެއްގެ ގޮތުން މަޝްވަރާއަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ސީރިއަސްކޮށް އެސްޑީއެފް ބިލުގެ މަސައްކަތް ނަގައިގެން ނޫނީ ބިލުގެ މަސައްކަތް ނުނިންމޭނެއެވެ. ބިލަށް މިނިސްޓްރީގެ ބަހެއް ހޯދަން ވަރަށް ފުރުސަތު ދެވިއްޖެކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑަށް ފެނޭ ހަމަ ސީދާ އަޅުގަނޑުމެން މަޖިލިސްގެ ރައީސްގެ ފަރާތުން ހަމަ މިނިސްޓަރަށް ދަންނަވަން، މިކަން މިގޮތަށް މިހެން ވެއްޖެއޭ،" އޭނާ ޚިޔާލު ދެއްވިއެވެ.

ހަމަ އެ ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، އެސްޑީއެފް ބިލަށް މިނިސްޓްރީން ބަހެއް ނުބުނެ އޮތީ ޓެކްނިކަލް ސަބަބަކާ ހުރެތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

އެއަށް ފަހު ސަލީމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީއަށް ދެން ދޭ މުއްދަތުގައި އެސްޑީއެފް ބިލަށް މިނިސްޓްރީގެ ބަހެއް ނުލިބިއްޖެ ނަމަ ކޮމިޓީއަށް ފެންނަ ގޮތަށް ބިލު ފާސްކުރާނެ ކަމަށެވެ.

އެސްޑީއެފް ބިލުގައިވާ ގޮތުން ސޮވްރިން ފަންޑު ބަލަހައްޓަން 'ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފައްދާނެއެވެ.

ކޮންމެ ތިން މަހުން އެއް ފަހަރު ފަންޑުގެ ރިޕޯޓެއް އެ އޮފީހުގެ ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭއިރު އެ ރިޕޯޓުގައި ފަންޑަށް ޖަމާކުރި ފައިސާއާއި ޚަރަދުތަކާއި އިންވެސްޓްމަންޓުތައް އަދި ބާކީ ހުރި މިންވަރު ބަޔާންކުރަން ޖެހޭނެއެވެ. އަދި، މި ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ ގަވަނިން ކައުންސިލްގެ ލަފައާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ފަންޑުގެ ކަސްޓޯޑިއަންއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އެވެ.

އެސްޑީއެފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. މި ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށް ޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ޓަކައި އުފެއްދި ފަންޑެކެވެ.

comment ކޮމެންޓް