ދިވެހިރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖައްސައި، މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ރީޖަނަލް ލީގުގެ ކުޅުން ވެސް އޮކްޓޫބަރު މަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމާ، ކަލަންޑަރު އާންމުކޮށްފިއެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މިއަހަރުގެ ދެވަނަ ބައްދަލުވުމުގައި އިއްޔެ ވަނީ، މިއަހަރާއި އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އަތޮޅު މުބާރާތުން ފެށިގެން، ރީޖަނަލް ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ޓީމުތައް ޕްރޮމޯޓުވާނެގޮތާއި ދިވެހި ޕްރިމިއާ ލީގުން ޓީމުތައް ރެލިގޭޓްވާނެ ގޮތުގެ ފުޓްބޯޅައިގެ ލީގުގެ އޮނިގަނޑު ފާސްކޮށްފައެވެ.
އެގޮތުން އެފްއޭއެމުން ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 15ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުން މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައެވެ. އަދި، މުޅިއެކު 10 ޓީމު ހިމެނޭގޮތަށް ކުޅުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގު އޭގެ ތިން ދުވަސްފަހުން، އަންނަ މަހުގެ 18ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމުން ބުނީ، 2025/2026މިއަހަރާއި އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ހިމެނޭ ދިވެހި ޕްރިމިއާ ލީގު ކުޅޭނީ ދެ ބުރަކަށް ބަހާލައިގެން މުޅިއެކު 90 މެޗު ކަމަށެވެ. އަދި، ސީޒަނުގެ ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމަށް ޖެހިގެން އަންނަ 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެ ކަމަށާއި، ފުލަށް ދާ ދެ ޓީމު މާލޭ ރީޖަންގެ މާލޭ ލީގަށް (ދެވަނަ ޑިވިޝަނަށް) އިތުރު ކޮލިފިކޭޝަން މުބާރާތަކާ ނުލައި ރެލިގޭޓްވާނެ ކަމަށެވެ.
މިއާއެކު، 2025/2026ވަނަ އަހަރުގެ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދާ ދެ ޓީމު ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރަންޖެހޭނެއެވެ. އެ ބުރުގައި ވާދަކުރާނީ، މި ދެ ޓީމުގެ އިތުރުން އެފްއޭއެމުން އަލަށް އެކުލަވާލި ރީޖަނަލް ލީގުގެ (ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލޭ ލީގު)ގެ ޗެމްޕިއަން ޓީމުތައް ހިމެނޭގޮތަށް މުޅިއެކު ހަ ޓީމެވެ. މީގެތެރެެއިން، އެންމެ ކުރިހޯދާ ހަތަރު ޓީމެއް ޖެހިގެން އަންނަ 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެއެވެ.
އެފްއޭއެމުން އިއްޔެ އާއްމުކުރި މިފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ތާވަލުގައިވާ ގޮތުން ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިމޭނެއެވެ. އެއަށްފަހު، އެ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފެެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 11ގައެވެ. ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.
އަދި، އެފްއޭއެމުން 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތް ވެސް އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ފެށުމަށް ތާވަލުކޮށްފައިވާއިރު، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު އެފްއޭ ކަޕްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވެއެވެ. އެއަށްފަހު، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށްކުޅޭ ޕްރެޒިޑެންޓްސް ކަޕް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.