އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، އަހަރުގެ މެދު ތެރޭގައި އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް ބާއްވަން އެ ޕާޓީން ރޭ ނިންމައިފިއެވެ.
އެމްޑީޕީން އެގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައެވެ. ކުރިން އޮތީ މި މަހު 15 ގައި އާދަޔާހިލާފު ކޮންގްރެސް ބާއްވަން ނިންމައިފައެވެ.
އަންނަ އަހަރުގެ މެދު ތެރޭގައި އާދަޔާހިލާފު ކޮންގްރެސް ބާއްވަން ހުށަހުއްވީ އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ. އެ ހުށަހެޅުއްވުމުގައި ކޮންގްރެސްގެ އިންތިޒާމުތަކަށް ގައުމީ މަޖިލީހުން ކޮމިޓީއެއް ނެގުން ހިމަނާފައިވެއެވެ.
އެ ހުށަހެޅުއްވުމަށް ތުޅާދޫ ދާއިރާގެ ރައީސް އަބްދުﷲ ސިރާޖު ތާއިދުކުރެއްވިއިރު، އެގޮތަށް ފާސްކުރުމަށް ހާޒިރުވި 45 މެންބަރުން ތާއިދުކުރެއްވިއެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، އަހަރުގެ މެދުތެރޭ ކޮންގްރެސް ބާއްވަން ޕާޓީން ފާސްކުރިއިރު، ކޮންގްރެސް ބާއްވާ ސީދާ ތާރީޚެއް އަދި ކަނޑައަޅައިފައެއް ނުވެއެވެ.
ކޮންގްރެސްއަކީ އެ ޕާޓީގެ އެންމެ ބޮޑު ހަރަކާތެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންގްރެސްއެއް ބާއްވަން ޖެހޭނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް، ކޮންމެ ވަގުތަކު ވެސް އާދަޔާ ޚިލާފު ކޮންގްރެސްއެއް ބޭއްވިދާނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ކައުންސިލް އިންތިޚާބުގެ ފަހަށް އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް ބާއްވަން ވަނީ ނިންމައިފައި -- ފޮޓޯ/ އެމްޑީޕީ
އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މީގެ ކުރިން ވަނީ އެ ޕާޓީގެ ރައީސްގެ މަގާމާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލަން ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ލީޑަރަކީ ޕާޓީ ހިންގަން ހުސްވެ ހުންނަ މީހަކަށްވާން ޖެހޭ ކަމަށެވެ.
އެހެންވެ، އެމްޑީޕީގެ ލީޑަރަކީ އެ ޕާޓީގެ ވެރިކަމެއްގައި ވެސް ސިޔާސީ މަގާމެއް އަދާނުކުރެވޭ ބޭފުޅެއްގެ ގޮތުގައި ބަހައްޓަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރު ބަދަލުތަކެއް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަޔާ ޚިލާފު ކޮންގްރެސްއަކީ ކުއްލި ކަމަކާ ގުޅިގެން ބާއްވާ ކޮންގްރެސްއެެކެވެ. އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވީ 2022ވަނަ އަހަރެވެ. އަދި، އާދަޔާ ޚިލާފު ކޮންގްރެސް އެއް ބޭއްވީ 2018ވަނަ އަހަރު އއ. އުކުޅަހުގައެވެ.
އެ ކޮންގްރެސް ބެއްވީ އެ ޕާޓީގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ މަގު ބަންދުވުމުންނެވެ. އަދި، ހަމަ އެ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވަނީ އަރުވާފައެވެ.
ރަޖިސްޓްރީގައި 43،000 އަށްވުރެ ގިނަ މެންބަރުން ތިބި އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީން ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ވެސް ކޮންގްރެސްއެވެ.