މިދިޔަ މަހުގެ 28ވަނަ ދުވަހު, ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމް, 29އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވާލައިފިއެވެ.
މޫސާ މަރާލާފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. ވަޅިން ހަމަލާދީ މޫސާ މަރާލި ކަމަށް، ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް, 29 ވަނީ ކޯޓުގައި އަމިއްލައަށް އިއުތިރާފުވެފައެވެ.
އެ މައްސަލައިގައި މާވަށު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މޫސަގެ އާއިލާއިން އޭނާގެ ހަށިގަނޑު ވަޅުލަން ބޭނުންވި ނަމަވެސް، މޫސަ މަރާލި ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު އިތުރު ތަހުލީލުތަކަށް ވަނީ މާލެ ގެނެސްފައެވެ. އޭގެ ފަހުން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީއިރު އޮޓޮޕްސީ ހަދަން ހަށިގަނޑު ނުފޮނުވާތީ އާއިލާއިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.
މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު، މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ ވެސް އަމިއްލައަށެވެ. އަދި، އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފައެވެ.
މި ހާދިސާގައި މަރުވި, މޫސައާއި ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ, މުހައްމަދުއަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން މޫސައަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށެވެ. މުހައްމަދަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ. މީގެ ތެރެއިން ވަރުގަދަ ކަމަށް މުޅި އެ އަތޮޅަށާއި މާލެއަށް ވެސް މަޝްހޫރު މީހަކީ މަރުވި މޫސައެވެ.
ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއަކީ މޫސަ އަތުން މުހައްމަދު ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދީގެން އޭގެ ދެތިން ދުވަސް ކުރިން ފެށިގެން ހިނގަމުން އައި މާރާމާރީއެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެގޮތުން، އެ ދުވަހު މަގުމަތިން މުހައްމަދު ހިފަހައްޓައި މާރާމާރީ ހިންގަމުން ދަނިކޮށް މުހައްމަދު އަތުގައި އޮތް ވަޅިއެއް ނަގައި އޭނާ މޫސަ ކަރުގައި އެޅީ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
މި މާރާމާރީ ހިންގުމަށް ފަހު، ދުވެފައި މުހައްމަދު ދިޔައީ އެ ރަށު ފުޓްބޯޅަ ދަނޑާ ދިމާލު މޫދަށް ކަމަށާއި އެ ދިމާއަށް ވަޅި އެއްލާލައި ގައިދޮވެގެން އެ ރަށުގެ ފުލުހުންގެ މަރުކަޒަށް ގޮސް އޭނާ ފުލުހުންނާ ހަވާލުވީ ކަމަށް ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.
ގާތިލު ކަމަށް ތުހުމަތުކުރެވޭ މުޙައްމަދަކީ ވެސް ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ މާވަށަށް ގޮސް އުޅުނީ އެ ރަށު އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެއެވެ.