މިއުޒިކް ވީޑިއޯތަކަށް އަމާޒުކޮށްގެން ދޭ އެންމެ ވަރުގަދަ އެއް އެވޯޑު ކަމަށްވާ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގެ މި އަހަރުގެ ނޯމިނޭޝަންގެ އެންމެ ކުރީގައި ހޮލީވުޑް ޕަފޯމަރު ލޭޑީ ގާގާ ހިމެނިއްޖެއެވެ.
ކޮންމެ އަހަރެއްގައި ވެސް ފަންނާނުން ރިލީޒްކުރާ މިއުޒިކް ވީޑިއޯއާއި އަލްބަމްތަކަށް އަމާޒުކޮށްގެން އެމްޓީވީން ދޭ މި އެވޯޑަކީ ބޮޑު އެވޯޑެކެވެ. ހޮލީވުޑްގެ އިތުރުން އެހެން ސަރަހައްދުތަކުގެ މިއުޒިކް ވެސް މި އެވޯޑުގައި ހިމަނައެވެ.
މި އަހަރުގެ އެވޯޑުގައި ގާގާ އެންމެ ގިނަ ނޯމިނޭޝަން ހޯދާފައިވަނީ 12 ކެޓަގަރީއެއްގެ ނޯމިނޭޝަނާއެކުގައެވެ. އެގޮތުން, އަހަރުގެ ވީޑިއޯގެ އިތުރުން އަހަރުގެ އާޓިސްޓުގެ އެވޯޑު އަދި އެންމެ މޮޅު އަލްބަމްގެ ކެޓަގަރީން އޭނާ ވަނީ ނޯމިނޭޓް ވެފައެވެ.
މި ލިސްޓުގެ ދެވަނައިގައި ހިމެނެނީ މިދިޔަ އަހަރުގެ އެންމެ ބޮޑެތި ހިޓުތައް ރިލީޒްކުރި ބްރޫނޯ މާސްއެވެ. ބްރޫނޯ ވަނީ 11 އެވޯޑަކަށް ނޯމިނޭޓްވެފައެވެ. ދެ މީހުން ބައެއް އެވޯޑުތަކަށް ވާދަކުރާއިރު ދެ މީހުން އެކުގައި ލަވައެއް މިދިޔަ އަހަރު ނެރެފައިވެއެވެ. އެއީ, "ޑައި ވިތު އަ ސްމައިލް" އެވެ. މި ލަވަ ވެސް އެވޯޑަށް ނޯމިނޭޓް ވެފައިވެއެވެ.
ލިސްޓުގެ ތިންވަނައިގައި ހިމެނެނީ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ކެންޑްރިކް ލަމާރެވެ. އޭނާ 10 އެވޯޑަކަށް ނޯމިނޭޓްވެފައިވެއެވެ. މި ލިސްޓުގައި ހަތަރުވަނައިގައި ދެ ތަރީން ވަނީ ހިމެނިފައެވެ. އެއީ، ސެބްރީނާ ކާޕެންޓާއާއި ދެކުނު ކޮރިއާ ގްރޫޕް "ބްލެކްޕިންކް"ގެ މެންބަރު ރޮސޭއެވެ. ދެ މީހުން ވަނީ އަށް އެވޯޑަކަށް ނޯމިނޭޓްވެފައެވެ.
މީގެ އިތުރުން، ހޮލީވުޑްގެ ބައެއް ބޮޑެތި ތަރީންތައް ވެސް ވަނީ މި އަހަރުގެ އެވޯޑަށް ނޯމިނޭޓްވެފައެވެ. އޭގެ ތެރޭގައި ދަ ވީކެންޑްއާއި އާރިއާނާ ގްރާންޑޭގެ އިތުރުން ޓޭލާ ސްވިފްޓް އަދި ބިޔޯންސޭއާއި ބިލީ އައިލިޝް ވެސް ހިމެނެއެވެ.
މި އަހަރުގެ އެމްޓީވީ ވިޑިއޯ މިއުޒިކް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.