އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާ ދާދިފަހުން ކެނެޑާގައި ހުޅުވި ކެފޭއަށް ދެވަނަ ފަހަރަށް ހަމަލާތަކެއް ދީފިއެވެ.
ކެނެޑާގެ ސަރޭގައި "ކެޕްސް ކެފޭ"ގެ ނަމުން ހުޅުވި މި ކެފޭއަށް ދިން ދެވަނަ ހަމަލާގެ ޒިންމާ އިންޑިއާގެ ނުރައްކާތެރި ގޭންގްސްޓާ އިސްވެ ހިންގާ ލޯރެންސް ބިޝްނޯއީގެ ގޭންގްއިން ވަނީ ނަގާފައެވެ.
އެ ގޭންގުގެ އިސް މެމްބަރެއް ކަމަށްވާ ހެރީ ބޮކްސާ ރެކޯޑުކޮށް ލީކުކޮށްފައިވާ އޯޑިއޯ މެސެޖެއްގައި ބުނެފައި ވަނީ ކަޕިލްގެ ކެފޭއަށް ދިން ހަމަލާ އަކީ ބޮލީވުޑް އެކްޓަރު ސަލްމާން ޚާންއާ އެކު ކަޕިލް ވަރަށް ގާތުން މަސައްކަތް ކުރާތީ އެކަން ހުއްޓުވަން ދިން އިންޒާރެއް ކަމަށެވެ.
ސަލްމާނަކީ ލޯރެންސް ބިޝްނޯއީ ގޭންގުގެ ދުޝްމަނުންގެ ލިސްޓުގެ ކުރީގައި ހިމެނޭ މީހެއް ކަމަށާއި އެކްޓަރާ އެކު އެއްވެސް ގުޅުމެއް ނުބޭއްވުމަށް އެ ގޭންގުން ކަޕިލްއަށް ވަނީ އިންޒާރުދީފައެވެ.

ކަޕިލް ބޮލީވުޑް އެކްޓަރު ސަލްމާން ޚާންއާ އެކު. ކަޕިލްގެ ކެފޭއަށް ދިން ހަމަލާ އަކީ ސަލްމާންއާ އެކު މަސައްކަތްކޮށް ގާތް ގުޅުމެއް ބޭއްވުމުން ދިން ހަމަލާއެއް ކަމަށް ވަނީ ބުނެފައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެއިތުރުން ސަލްމާން ޚާންއާ އެކު މަސައްކަތްކުރާ އެއްވެސް އެކްޓަރަކު އަދި ޕްރޮޑިއުސަރަކު ވެސް އެ ގޭންގުން ދޫކޮށްނުލާނެ ކަމަށާއި ސަލްމާންއާ އެކު މަސައްކަތްކުރާ ކޮންމެ ފަންނާނަކީ ވެސް އެ މީހުންގެ ހަމަލާތައް އަމާޒުވާނެ މީހުން ކަމަށް މި އޯޑިއޯ މެސެޖުގައި ވަނީ ބުނެފައެވެ.
ކަޕިލްގެ ކެފޭއަށް ދެވުނު ދެ ހަމަލާއަކީ ވެސް އިންޒާރެއްގެ ގޮތުގައި ދެވުނު ހަމަލާތަކަކަށްވީ ނަމަވެސް އެ މީހުންގެ އިންޒާރުތަކާ ދެކޮޅު ހަދައިފިނަމަ ތިންވަނަ ހަމަލާ ކަޕިލްއަށް ދެވޭނީ އޭކޭ-47އިން ސީދާ ކަޕިލްއަށް ކަމަށް މި މެސުގައި އެ ގޭންގު ލީޑަރު ވަނީ ބުނެފައެވެ.
މީގެކުރިންވެސް އެކި ފަހަރު މަތިން ލޯރެންސް ބިޝްނޯއީގެ ގޭންގުން ސަލްމާން ޚާންއަށް މަރުގެ އިންޒާރުތަކެއް ދީފައިވާއިރު ސަލްމާންގެ ސެކިއުރިޓީ އެތައް ގުނައަކަށް އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން ވަނީ ވަރުގަދަކޮށްފައެވެ.
ސަލްމާންއާ އެކު މަސައްކަތްކުރާ މީހުންގެ މަރުގެ ޒިންމާތައް ލޯރެންސްގެ ގޭންގުން ނުނަގާނެ ކަމަށާއި އެ ބައެއްގެ މަރުގެ ޒިންމާ ނަގަންވާނީ އަމިއްލައަށް ކަމަށް އިންޒާރުގެ މެސެޖުގައި ވަނީ ބުނެފައެވެ. މި ހަމަލާތަކާ ގުޅިގެން ކަޕިލްގެ ފަރާތުން މިހާތަނަށް ރަސްމީގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.