ރ. ކިނޮޅަހަށް ޚިދުމަތްކޮށްދިން މީހުންގެ އަގު ވަޒަން ކުރުމަށް އެކި ދާއިރާތަކުން 'ސަރުނަ އެވޯޑު' ދީފިއެވެ.
ރޭ ކިނޮޅަހުގައި ބޭއްވި ސަރުނަވެރިންގެ ޖަލްސާގައި 18 ދާއިރާއަކުން ޚިދުމަތްތެރިންނަށް ވަނީ އެވޯޑް ދީފައެވެ.
އެގޮތުން، އެވޯޑު ދިން ގިންތިތަކުގެ ތެރޭގައި 'ރަން ސަރުނަ'އާއި 'ރިހި ސަރުނަ'އާއި 'ޝަރަފުވެރި ރަން ސަރުނަ' ހިމެނެއެވެ.
އެވޯޑު ދިން ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ތައުލީމާއި އިޖުތިމާއީ ދާއިރާއާއި އޭލެވެލްއާއި އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނާއި އިތުރު ދާއިރާތައް ހިމެނެއެވެ.
ރިހި ސަރުނަ އެވޯޑަކީ 30 އަހަރާއި 35 އަހަރާއި ދެމެދުގެ ތެރޭގައި އެކި ދާއިރާތަކުން ޚިދުމަތްކޮށްފައިވާ ކިނޮޅަކު މީހުންނަށް ދޭ އެވޯޑެއް ކަމަށްވާއިރު، ރަން ސަރުނަ އެވޯޑަކީ އެކި ދާއިރާތަކުން 35 އަހަރަށް ވުރެ ގިނަ ދުވަހު ކިނޮޅަހަށް ޚިދުމަތްކޮށް، ރީތި ނަން ހޯދައިދިން މީހުންނަށް ދޭ އެވޯޑެކެވެ.
އޭގެއިތުރަށް ޝަރަފުވެރި ރަން ސަރުނަ އެވޯޑު ދީފައި ވަނީ، 40 އަހަރަށް ވުރެ ގިނަ ދުވަހު ކިނޮޅަހަށް ޚިދުމަތްކޮށްދިން މީހުންނަށެވެ.
ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވީ، މި އެވޯޑު ދެނީ ރަށަށް ގިނަ ދުވަހު ޚިދުމަތް ކޮށް، ރަށަށް ރީތި ނަން ހޯދައިދިން މީހުންގެ އަގު ވަޒަން ކުރުމަށާއި އެކަން ކުރުމުގައި ދެމި ތިބުމަށް ހިތްވަރު ދިނުމަށް ކަމަށެވެ.
އެވޯޑު ލިބުނު ފަރާތްތަކަށް މަރުހަބާ ދަންނަވައި، އޭނާ ވިދާޅުވީ، ކިނޮޅަހުގެ ރައްޔިތުން ބޭނުންވާ އެތައް ކަމެއް އެބަ ހުރި ކަމަށެވެ. އެގޮތުން، ރައްޔިތުންނަށް ޓަކައި ކައުންސިލުން ކޮށްދޭން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ، ރަށަށް ބޭނުންވާ މަޝްރޫއުތައް ހިންގޭނީ ސަރުކާރުގެ އެއްބާރުލުން ލިބިގެންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމެވެ. އެގޮތުން، އަޝްރަފް ވިދާޅުވީ، ދަރިވަރުންގެ އަޚުލާގަށް ގޯސްކަމެއް އަތުވެއްޖެނަމަ، ކިޔެވި ކިޔެވުމާއި ހޯދާ މެޑެލްތަކުގެ އަގެއް ނޯންނާނެކަމަށެވެ.
މިކަންކަން އިންސާނާގެ ހަށީގައި އަށަނުގަންނަހާ ހިނދަކު މުޖުތަމައު އިސްލާހު ނުވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.