އެންސިސްގެ ކޭނަރީ މިފްކޯގެ ބެލުމުގެ ދަށަށް ނަގަން ދިރާސާ އެބަކުރަން: މިފްކޯ

އެންސިސް ކޭނިން ފެކްޓަރީގައި ބަންދުކޮށްފައިވާ ދަޅުތަކެއް: އެންސިސްގެ ކޭނަރީ ނެގުމަށް މިފްކޯއިން ދަނީ މަޝްވަރާކުރަމުން --

ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށް ހުޅުމާލޭގައި އެންސިސް ކުންފުނިން ހުޅުވި ކޭނަރީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ގަނެ، ދަށަށް ގެނައުމުގެ މަޝްވަރާ ފަށައިފިއެވެ.

ދެހާސްނަވާރަ ވަނަ އަހަރު ހުޅުވި އެ ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު، މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. އެހެންވެ އެ ކޭނަރީ ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

މިރޭ ނެރުނު ބަޔާނެއްގައި މިފްކޯއިން ބުނީ، އެ ކުންފުންޏަށް ދަތިތައް ދިމާވި މައިގަނޑު ސަބަބަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، އެ ކުންފުނީގެ މެޝިނަރީ ފަދަ މުހިންމު އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން ބޮޑުތަނުން ލަސްވުން ކަމަށެވެ.

މިފްކޯއިން ބުނީ، މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑެތި އިންވެސްޓްމެންޓްތައް ކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން، އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ހޯދުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު އެ ތަން މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.

ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރަމުން އައި އެންސިސްގެ ކޭނަރީ އިމާރާތްކުރީ ޖަރުމަންވިލާތުގެ ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ހޯދައިގެންނެވެ.

މިހާރު މަސް ޕްރޮސެސް ނުކުރި ނަމަވެސް، އެންސިސް އިން އަދިވެސް މަސް ބޭރުކުރެއެވެ.

comment ކޮމެންޓް