ދުނިޔޭގެ އެންމެ މަގުބޫލު އެއް މެސެޖިން އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕުން، އަޑާ އެކު މޯޝަން ފޮޓޯ ފޮނުވޭނެ އާ ފީޗާއެއް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ޓެސްޓްކުރަން ފަށައިފިއެވެ.
މި ފީޗާގެ ދަށުން ފޮޓޯއެއް ނެގުމުގެ ކުރިންނާއި ފަހުން ހިނގާ ކުޑަ ހަރަކާތްތަކާއި އެ ވަގުތުގެ އަޑު ރިކޯޑްކޮށް، އެހެން މީހުންނާ ހިއްސާކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ވަޓްސްއެޕްގެ ފީޗާތަކާ ބެހޭ މައުލޫމާތު ހޯދާ ބަލާ މަސްދަރެއް ކަމަށްވާ 'ވާބީޓާއިންފޯ'އިން ބުނާ ގޮތުގައި، މި ފީޗާ ފެނިފައިވަނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ ބީޓާ ވާޝަން (2.25.22.29) ގައެވެ. އަދި، ބައެއް ބީޓާ ޓެސްޓަރުންނަށް މިހާރު ވެސް މި ފީޗާ ބޭނުންކުރެވެން ފަށާފައިވާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

ވަޓްސްއެޕްގައި މޯޝަންފޮޓޯ ފޮނުވުން --
މި ފީޗާ ބޭނުންކުރުމަށް ފޮޓޯ ފޮނުވުމަށް ގެލެރީން ފޮޓޯތައް ސެލެކްޓްކުރުމުން އިންޓަފޭސްގައި އާ އައިކޮނެއް ފެންނާނެއެވެ. މިއީ ރިންގެއްގެ ތެރޭގައި ޕްލޭ ބަޓަނެއް ހިމެނޭ އައިކޮނެކެވެ. ސްކްރީންގެ ކަނާއަތްފަރާތު މަތީގައި ފެންނަ މި އައިކޮނަށް ފިތާލުމުން، އާދައިގެ ފޮޓޯއެއްގެ ބަދަލުގައި އެ ފޮޓޯ މޯޝަން ފޮޓޯއެއްގެ ގޮތުގައި ފޮނުވާލެވޭނެއެވެ.
މޯޝަން ފޮޓޯ ފޮނުވޭނީ އެ މީހެއްގެ ފޯނުގައި މޯޝަން ފޮޓޯ ނެގުމުގެ ގާބިލުކަން ހުރި ނަމައެވެ. މިސާލަކަށް، ސެމްސަންގް ފޯނުތަކުގައި 'މޯޝަން ފޮޓޯ'ގެ ނަމުގަޔާއި، ގޫގުލް ޕިކްސެލް ފޯނުތަކުގައި 'ޓޮޕް ޝޮޓް'ގެ ނަމުގައި މި ފީޗާ ހިމެނެއެވެ. ނަމަވެސް، މޯޝަން ފޮޓޯ ނުނެގޭ ފޯނުތަކަށް ވެސް އެހެން މީހުން ފޮނުވާ މިފަދަ ފޮޓޯތައް ބެލޭނެއެވެ.
މި ފީޗާގެ އެންމެ ބޮޑު އެއް ފައިދާއަކީ މިހާރު މޯޝަން ފޮޓޯއެއް ފޮނުވުމުން އެ ވީޑިއޯއަކަށް ބަދަލުވާ މައްސަލަ ހައްލުވުމެވެ.
މީގެ އިތުރުން، ވަޓްސްއެޕުން ދަނީ އެހެން މީހުންނާ ފޯނު ނަންބަރު ހިއްސާކުރުމުގެ ބަދަލުގައި 'ޔޫޒަރނޭމް' އެއް ހިއްސާކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފީޗާ އަދިވެސް އޮތީ ޓެސްޓިން މަރުހަލާގައި ކަމުން، އާންމުކޮށް ހުރިހާ ޔޫޒަރުންނަށް ލިބޭނެ ވަކި ތާރީހެއް ވަޓްސްއެޕުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.