ހުވާނުކުރާ ކަމަށް ބުނި ފުލުހުގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އުފުލަންޖެހޭ: އާޒިމާ

މަގާމުގެ ހުވާނުކުރާ ކަމަށް ބުނި ފުލުހުގެ ޝަރީއަތުގެ ތެރެއިން: އޭނާއާ ދެކޮޅަށް މަކަރާއި ހީލަތުގެ ދައުވާކުރަން ޖެހޭ ކަމަށް އާޒިމާ ވަނީ ބުނެފައި ---

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފުލުސް މީހާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލެން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.

އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ތިނަދުއަށް ނިސްބަތްވާ މުހައްމަދު ސާޖިދެވެ. ތިނަދޫ ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު ވަނީ އެ މައްސަލައިގައި ސަސްޕެންޑްކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް، އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދައުލަތުން ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ސާޖިދުގެ ފަރާތުން އޭނާ ފުލުހުންގެ ވަޒީފާގެ ހުވާ ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

https://sun.mv/209640

މިކަމާ ގުޅިގެން ފޭސްބުކްގައި ލިޔުއްވި ކުރު ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، ސާޖިދުގެ މައްޗަށް މަކަރާއި ހީލަތުގެ ދެވަނަ ދައުވާއެއް އުފުލަން ޖެހޭނެ ކަމަށެވެ.

ކޯޓުގައި ސާޖިދު ދެއްކި ވާހަކައާ ބެހޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އާޒިމާ ވަނީ މިއީ ހުވާކޮށްގެން މެނުވީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ އަދާނުކުރެވޭ ފަދަ ވަޒީފާއެއްގެ ޔުނިފޯމު ލައިގެން ނުކުމެ ރައްޔިތުންގެ ކުރިމަތީ މަކަރާއި ހީލަތް ހެދުން ނޫން ދެން ކޮން ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ.

އޭނާ ވިދާޅުވީ، އަނގަބަހުން ހުވާނުކުރި ކަމަށް ސާޖިދު ބުނި ނަމަވެސް، ހުވާގައި ސޮއިކުރުން ވާނީ ހަމަ ހުވާކުރުމަށް ކަމަށެވެ. އެހެންވެ، ސާޖިދުގެ މައްޗަށް ދެވަނަ ދައުވާއެއް އުފުލަން ޖެހޭނެ ކަމަށް އާޒިމާ ގަބޫލުކުރައްވައެވެ.

"އޭނަ ދިޔައީ ރައްޔިތުންގެ ކުރިމައްޗަށް ޔުނިފޯމު ލައިގެން، ސޮއިކޮށްގެން މުސާރަ ނަގައިގެން، ގާނޫނީ އެތައް ޒިންމާއެއް އަދާކުރީ ހުވާނުކޮށް ހުރެގެން،" އާޒިމާ ވިދާޅުވިއެވެ.

ސާޖިދު ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެފައި ކަމަށާއި މިއީ އާދައިގެ ވަޒީފާއެއް ނޫންކަން އާޒިމާ ފާހަގަކުރެއްވިއެވެ.

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު: އޭނާ ވިދާޅުވީ ސާޖިދާ ދެކޮޅަށް އިތުރު ދައުވާއެއް ކުރަންޖެހޭ ކަމަށް -- ސަން ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ސާޖިދަކީ ހުވައެއްގެ މަތީގައި ހުރި ފުލުހެއް ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވުމުން، ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަކީ ޔުނީފޯމް އެޅި ފުލުހެއްތޯ ސުވާލުކޮށްފައެވެ. ބެންޗުގެ ސުވާލާ ގުޅިގެން ދެކެވުނު ވާހަކަތަކުގެ ތެރެއިން ސާޖިދުވަނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް ހުވާނުކުރާ ކަމަށް ބުނެފައެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހުރިހާ އެންމެން ހުވާކުރި ވަގުތު ސާޖިދު ކީއްތޯ ކުރީ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ސާޖިދު ބުނީ ހަމަ ހުރީ ކަމަށެވެ.

"އެ ދުވަހު އަޅުގަނޑު ރަސްމިއްޔާތަށް ގޮސްފައި ކުޑަކޮށް ބިރުގަތީ، އެއީ ﷲ ގަންދީ ކުރަން ޖެހޭ ހުވައެއްވީމާ، އޭގައި އަންނަ ކަންތައްތަކަށް ވިސްނާލީމާ،" ޝަރީއަތުގެ މަޖިލީހުގައި ސާޖިދު ބުނެފައިވެއެވެ.

ސާޖިދު އެހެން ބުނުމުން ހުވާކުރުމުގެ ރަސްމިއްޔާތަށް ގޮސް ހުވާނުކޮށް، މުސާރަ ނަންގަވައިގެން ހުންނަވަނީތޯ ބެންޗުން ސުވާލު ކުރިއެވެ. އެ ކަމަށް ސާޖިދުވަނީ ޝަރީއަތުގައި އެއްބަސްވެފައެވެ. ސާޖިދު ހުވާނުކުރާ ކަމަށް ބުނުމުން ދައުލަތުންވަނީ ސާޖިދު ހުވާގެ އިގުރާރުގައި ސޮއިކޮށްފައިވާކަން ވެސް ޝަރީއަތުގައި ފާހަގަކޮށްފައެވެ.

ސާޖިދު ހުވާ ނުކުރާކަމަށް ބުނި ބުނުން ދިފާއުކޮށް އޭނާގެ ވަކީލު ދެއްކި ވާހަކަތަކާ ގުޅިގެން ބެންޗުންވަނީ އެ ގޮތަށް މާނަ ނުކުރެވޭނެކަމާއި އެއީ ކަނޑައެޅިގެން ކޯޓުގެ ކުރިމަތީގައި ހެދި ބޮޑު ދޮގެއްކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް