ލަފާކުރި ވަރަށް ވުރެ ޖުލައި މަހު ލިބުނު އާމްދަނީ 12.8 ޕަސެންޓު އިތުރު: މީރާ

މިދިޔަ ޖުލައި މަހު އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ 12.8 ޕަސެންޓު އިތުރަށް ދައުލަތަށް އާމްދަނީ ލިބިފައިވާ ކަމަށް، ޓެކުހާ ބެހޭ އިދާރާ, މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 3.39 ބިލިއަން ރުފިޔާ، އަދި 105.85 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅާ ބަލާއިރު 460 މިލިއަނެއްހާ ރުފިޔާ، ނުވަތަ 15.4 ޕަސެންޓު އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހު އާމްދަނީ އިތުރުވީ މީރާއިން ބުނިގޮތުގައި، އިންކަމް ޓެކުހާއި، ގްރީން ޓެކުހާއި، ޓީޖީއެސްޓީ އާއި، އެއާޕޯޓުން ނަގާ ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ އެކު، ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރަށް ވުރެ 15 ޕަސެންޓު އިތުރުވުމުގެ ސަބަބުންނެވެ.

ހަމަ އެއާއެކު އާމްދަނީ އިތުރުވުމުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ބޮޑުކުރި ގްރީން ޓެކުހާއި ޓީޖީއެސްޓީ އާއި މިދިޔަ ޑިސެމްބަރު މަހުގައި ބޮޑުކުރި އެއާޕޯޓުން ފުރާ މީހުންނާއި އަންނަ މީހުންގެ އަތުން ނަގާ ފީގެ ދައުރު ބޮޑު ކަމަށް ވެސް، އެ އިދާރާއިން ބުންޏެވެ.

މީރާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެންމެ ބޮޑު އާމްދަނީއެއް ރުފިޔާއިން ލިބުނީ އިންކަމް ޓެކުހާއި ޖީއެސްޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓުގެ ތަރައްގީއަށް ނަގާ ފީ އާއި ފުރާ މީހުންގެ އަތުން ނަގާ ޓެކުހާއި ބިދޭސީންގެ މަސައްކަތުގެ ހުއްދައަށް ނަގާ ފީންނެވެ. އަދި އެންމެ ބޮޑު އާމްދަނީއެއް ޑޮލަރުން ލިބުނީ ޓީޖީއެސްޓީ އާއި އިންކަމް ޓެކުހުންނާއި ގްރީން ޓެކުހުންނާއި އެއާޕޯޓުގެ ތަރައްގީއަށް ނަގާ ފީންނާއި ފުރާ މީހުންގެ އަތުން ނަގާ ޓެކުހުގެ އިތުރުން، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ބިމު ކުލިން ކަމުގައި އެ އިދާރާގެ ތަފާސްހިސާބުތަކުގައި ވެއެވެ.

މީރާއިން އާންމުކުރި މިދިޔަ ޖުލައި މަހުގެ ތަފާސްހިސާބުތައް

  • ޓެކުހުގެ ގޮތުގައި 3.03 ބިލިއަން ރުފިޔާ
  • އެއީ އިންކަމް ޓެކުހުގެ ގޮތުގައި 1.66 ބިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 160 މިލިއަން ރުފިޔާ، ޖީއެސްޓީގެ ގޮތުގައި 1.07 ބިލިއަން ރުފިޔާ، އެހެނިހެން ޓެކުހުގެ ގޮތުގައި 1.81 މިލިއަން ރުފިޔާ
  • ޓެކްސް ނޫން ގޮތުގައި 355 މިލިއަން ރުފިޔާ
  • އޭގެ ތެރޭގައި އެއާޕޯޓުގެ ތަރައްގީއަށް ނަގާ ފީގެ ގޮތުގައި 149 މިލިއަން ރުފިޔާ، ވިޔަފާރީގެ ހުއްދަތަކުގެ ފީގެ ގޮތުގައި ނަގާ 2.02 މިލިއަން ރުފިޔާ، ޖޫރިމަނާގެ ގޮތުގައި ނަގާ 7.22 މިލިއަން ރުފިޔާ، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި ނަގާ 17.1 މިލިއަން ރުފިޔާ، ފަތުރުވެރިކަމަށް ދޫކުރާ ބިމުގެ ކުލީގެ ގޮތުގައި ލިބުނު 42.2 މިލިއަން ރުފިޔާ ހިމެނޭ
comment ކޮމެންޓް