ސިފްކޯއާއި ޕޮލްކޯ މިހާރުން މިހާރަށް އުވާލާފައި ވައްކަންތައް ބަލަންޖެހޭ: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ: އޭނާ ވަނީ ކުރިން ސިފައިންގޭގައި ޚިދުމަތްކުރައްވާފައި --- ފޮޓޯ/ މަޖިލީސް

ސިފައިންގެ ކޯޕަރޭޝަން (ސިފްކޯ)އާއި ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) ފަދަ ކުންފުނިތަކުގެ ތެރޭގައި ވައްކަން ބޮޑުވެފައިވާ ކަމަށް ވިދާޅުވެ، އެ ކުންފުނިތައް އުވާލަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ގޮވާލައްވައިފިއެވެ.

ސިފައިންގޭގައި ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރެއްވި ޣަފޫރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ، ހުރިހާ ސަރުކާރެއްގައި ވެސް ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމުން ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަންކޮށްފައިވާ ކަމަށާއި މި ސަރުކާރު އައި ފަހުން ވެސް އެ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.

ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަންކުރި މީހުން އަދިވެސް ވަޒީފާގައި ތިބިކަމަށް ވިދާޅުވެ، އެ މީހުން ހައްޔަރުކޮށް، ޤާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ޣަފޫރު ގޮވާލެއްވިއެވެ.

https://sun.mv/209522

"ދައްކާފައި ނުދައްކާނެ ވާހަކައެއް ނެތް ސިފްކޯ ތެރޭގައި ވައްކަން، ޕޮލްކޯ ތެރޭގައި ވައްކަން، އިތުރަށް ފިއުލް ސަޕްލައިގައި ވައްކަން، މޯލްޑިވް ގޭސްގައި ވައްކަން ޕްރެސްކެޑްގައި ވައްކަން،" އޭނާ ވިދާޅުވިއެވެ.

ހުރިހާ ސަރުކާރުތަކުން ވެސް ދައުލަތުގެ ފައިސާއިން ވައްކަންކުރުމުގައި ހަރަކާތްތެރިވީ މި ކުންފުނިތައް ކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ. އެއާއެކު އޭނާ ވިދާޅުވި ގޮތުގައި، ސިފްކޯއާއި ޕޮލްކޯއިން ބޮޑެތި މަޝްރޫއުތައް ނަގައި، އެ މަޝްރޫއުތައް އެހެން ކުންފުނިތަކާ ހަވާލުކޮށް، ކޮށްގެން ނުވާނެ ކަންކަން ކޮށްފައި އެބަހުއްޓެވެ.

އެހެންވީމާ އަޅުގަނޑު މި ގޮވާލަނީ ސިފްކޯއާއި ޕޮލްކޯއާއި ޕްރެސްކެޑު މި ތަންތަން އުވާލަން، ދައުލަތުން ފައިސާދޭނެ ފުލުހުންނަށް ވެސް ސިފައިންނަށް ވެސް އަދި ކަރެކްޝަނަލް ސާވިސް ކުރަން ބޭނުންވާ ކަންތައްތައް ކުރަން،ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޕޮލްކޯއާއި ސިފްކޯއާއި ކަރެކްޝަންސްގެ ފިހާރަ މިހާރު ހުރީ ބޮޑެތި ކުންފުނިތަކަށް ބަދަލުވެ، އަތުނުޖެހޭ ހިސާބެއްގައި ކަމަށާއި މިދިޔަ ސަރުކާރުން އެ ކުންފުނިތައް ބަންދުކުރަން މަސައްކަތްކުރި ނަމަވެސް އެކަންނުވި ކަމަށް ޣަފޫރު ވިދާޅުވިއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ނާޖާއިޒު ގޮތުގައި ފައިދާ ލިބިފައި ތިބި ބޭފުޅުން އެ ކުންފުނިތަކުގައި ތިބުމެވެ.

މިއީ ވަރަށް ބޮޑު ގޯހެއް، މި ގައުމަށްޓަކައި ކުރަން ޖެހިފައި އޮތް ކަމެއް މިއީ. މި ތަންތަން މައިތިރިކޮށް، މި ތަންތަނުގައި ހުރި ވައްކަމުގެ މައްސަލަތައް ބަލައި، މި ހުރިހާ ކަމެއް ކުރެވެން އެބަޖެހޭ،ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މީގެ އިތުރުން، ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަން ކުރާ މަސައްކަތަށް އިޝާރާތްކޮށް އަބްދުލްޣަފޫރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ މިސްރާބު ވެސް ހުރީ ވައްކަމުގެ ފެށުމަކާ ދިމާލަށް ކަމަށެވެ. ކުންފުނިތަކުން ކުރާ ވައްކަންތައް ހުއްޓުވައި ކުންފުނިތަކުގެ ކަންކަން ހަމައަކަށް އެޅުވުމަކީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ޒިންމާއެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ވައްކަންކުރާ ފަރާތްތައް ސަރުކާރަށް އިޚުލާސްތެރިނުވާނެކަން ހުރިހާ ރައީސުން ދަންނަން ޖެހޭ ކަމަށާއި އިސް މަގާމުތަކުގައި ތިބި މީހުން ދައުލަތުގެ ފައިސާއިން ވައްކަންކޮށްފި ނަމަ އެ މީހުން ދުރުކުރުމުގެ ހިތްވަރު ރައީސުންގެ ހުންނަން ޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ހުރިހާ ސަރުކާރެއްގައި ވެސް ދައުލަތުގެ ފައިސާއިން ވައްކަންކުރި މީހުން ފަހުން އުޅެނީ ފަސޭހަކޮށްކަން ފާހަގަކުރައްވައި، މިއީ ކަން އޮންނަން ވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީއަކީ ނޫން މިކަން އޮންނަން ޖެހޭނެ ގޮތަކީ، ވައްކަންކުރީމާ ވައްކަމުގެ ޓެގު އަޅުވާފައި ގޮޅިއަށްލުމުގެ ބާރު ދައުލަތެއްގައި އޮންނަން ޖެހޭނެ، އެކަން މި ހިނދުން މި ހިނދަށް ކުރަން ޖެހޭނެ،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިއަދު ސިފްކޯއާއި ޕޮލްކޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު އޭނާއަކީ މީގެ ކުރިން ސިފައިންގޭގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޮޑީގާޑްކަން ވެސް އޭނާ އަދާކުރެއްވިއެވެ.

ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ. ފާހަގަކުރެވޭ ގޮތުގައި ޕޮލްކޯއިން ފުލުހުންނަށް ޚާއްސަކޮށްގެން ފްލެޓުތައް އެޅުމުގެ މައްސަލައިގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ، މައްސަލަ ބެލުމަށް އޭސީސީއާ ހަވާލުކުރަން މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވަނީ މި ފަހުން ނިންމައިފައެވެ.

ޕޮލްކޯގެ ހައުސިން މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކައިފައެވެ. މި ކަމުގައި ޕޮލްކޯގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އޭރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް