ސަނަދު ހާސިލްކުރި ޚަތީބުންގެ އަދަދު 503އަށް، އަމާޒަކީ އިތުރު 497 ޚަތީބުން ތަމްރީނުކުރުން

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 3ވަނަ ބުރު ނިންމި ޚަތީބުންނަށް ސަނަދު ހަވާލުކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ތިންވަނަ ބެޗުގައި ސަނަދު ހާސިލްކުރި 269 ޚަތީބުންނާއެކު، މި ޕްރޮގްރާމުގެ ދަށުން ސަނަދު ހާސިލްކުރި ޚަތީބުންގެ ޖުމްލަ އަދަދު 503އަށް އަރާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބުރުގައި 269 ޚަތީބުން ސަނަދު ހާސިލްކޮށްފައި ވާކަމަށެވެ. މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި 169 ޚަތީބުން ސަނަދު ހާސިލްކުރިއިރު، ފުރަތަމަ ބުރުގައި ސަނަދު ހާސިލްކޮށްފައި ވަނީ، 65 ޚަތީބުންނެވެ.

ޒުވާން ޚަތީބުންގެ ތިންވަނަ ބުރު ފުރިހަމަކޮށް ސަނަދު ހާސިލްކުރި ޚަތީބުންނަށް ސަނަދު ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޚަތީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ މިނިސްޓަރު ޝަހީމާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފެވެ.

އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން 1000 ޚަތީބުން ތަމްރީނުކުރުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. މި އަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ އިތުރު 497 ޚަތީބުންނެވެ.

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 3ވަނަ ބުރު ނިންމި ޚަތީބުންނަށް ސަނަދު ހަވާލުކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޚަޠީބުންގެ ޕްރޮގްރާމް ހިންގަން ފެށީ ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެންނެވެ.

އެގޮތުން، ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ޚަތީބުކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

comment ކޮމެންޓް