ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް 14 ބޭފުޅުން ކުރިމަތިލައްވައިފި

ހައިކޯޓު: ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް 14 ބޭފުޅުން ކުރިމަތިލައްވައިފި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ހައިކޯޓުގައި ހުސްވެފައިވަނީ އެއް ފަނޑިޔާރުގެ މަގާމެވެ. މި މަގާމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވީ މިއަދު މެންދުރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަހަރު އެ މަގާމަށް ޖުމްލަ 14 ބޭފުޅުން ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން، ފެމިލީ ކޯޓުގެ އިސްގާޒީ އިބްރަހީމް މާހިރު ހިމެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

1- ޝުޖާއު އުސްމާން

2- އިބްރާހީމް ނާސިހް

3- އިބްރާހީމް މާހިރު

4- ސުލައިމާން މުހައްމަދު

5- ސަން ފަހީމް އިބްރާހީމް

6- އުއްމު ކުލްސޫމް އަބޫބަކުރު

7- އަލީ ނަސީރު

8- މުހައްމަދު އިބްރާހީމް

9- މުހައްމަދު ޒާހިދު

10- އަޝްފާގު ނައީމް

11- މުހައްމަދު ނިޝާތު

12- އަބްދުލްމުހުސިން އަބްދުލްހަކީމް

13- މުހައްމަދު ހާޝިމް

14- މަރިޔަމް ހަނީފާ ހާލިދު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނެވެ.

ހައިކޯޓުގެ ބެންޗުގައި ހުސްކޮށް އެއް މަގާމު އޮތް އިރު، އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ކުރިން ނިންމީ މުހައްމަދު ޝަހީދެވެ. އޭނާ ވަނީ ހުވައި ކުރުން އޮތް ދުވަހު އޭނާގެ ނަން އަނބުރައި ނަންގަވައި ހުވައި ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

ޝަހީދަކީ މި ފަހާ ޖެހެންދެން ވެސް މި ސަރުކާރުގެ ސިޔާސީ މަގަމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެއެވެ. ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ މިދިޔަ މަހު 10ވަނަ ދުވަހު، ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ. ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލީ ވެސް އެ ދުވަހެވެ.

އެހެންވެ، ގިނަ ބަޔަކު ވަނީ އެއީ ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުމެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް