އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ވީ ފައިދާ، އިސްލާމީ ގައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ: ޚަލީލް

ފަތުރުވެރިންތަކެއް ރާއްޖޭގައި: ޚަލީލް ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމުންވީ ފައިދާ ކަމަށް -- ފޮޓޯ/ ގްރޭންޑްޕާކްކޮއްދިއްޕަރު

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ސަބަބުން ރާއްޖެއަށް އެ ކަމުންވީ ގެއްލުމުގެ ބަދަލުގައި ފައިދާ ކަމަށާއި އެގޮތުން އިސްލާމީ ގައުމުތަކަން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެއްޖެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަކްގެ ސުވާލަށް ޖަވާބުދެއްވަމުން ޚަލީލް ވިދާޅުވީ، ރާއްޖެ ކިތަންމެ ކުޑައަސް، ސަރުކާރުން އިސްކަން ދީފައިވަނީ ދިވެހީން ބޭނުންވާ ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަށް ކަމަށާއި ނަތީޖާއަކީ ރާއްޖެއާއި އަރަބި އިސްލާމީ ގައުމުތަކުގެ ގުޅުން ވަރުގަދަވެ، ފަލަސްތީނުގެ ދިފާއުގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުން ކަމަށެވެ.

"އެގޮތުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާ ވުން މަނާވެގެން ދިޔައީ، ހަގީގަތަކީ އެކަމުގެ ސަބަބުން އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ތައުރީފު ދިވެހި ގައުމަށް ލިބިގެންދިޔަ، އަދި އެކަމުގެ ނަތީޖާ މިއަދު ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ވިލާތުގެ އެކިއެކި ގައުމުތައް ވެސް މިއަދު އެ ވަނީ ޣައްޒާގެ ދިފާއުގައި ފަލަސްތީނުގެ ދިފާއުގައި ނުކުމެ އަޑު ހަރުކޮށް ވާހަކަދައްކަން ފަށާފައި،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލައި އެ ގައުމުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލައި އިސްކޮށް ހަރަކާތްތެރިވީ ރާއްޖެއެވެ.

https://sun.mv/207007

އެކަމުގެ ސަބަބުން ރާއްޖެއަށް ކުރި އަސަރު ރަނގަޅުކަމަށް ޚަލީލް ވިދާޅުވިއެވެ.

އެއީ އިސްލާމީ އުންމަތާ ގާތްވެގެން ދިއުން އެއް ކަމަކަށް، ދެވަނަ ކަމަކަށް ތި ބޭފުޅުންނަށް ޓޫރިޒަމް އެރައިވަލް ބައްލަވާލާފިއްޔާ ފެނިވަޑައިގަންނަވާނެ، އިސްލާމީ އެކިއެކި ގައުމުތަކުން ރާއްޖެ އަންނަ އަދަދު އިތުރުވެގެން ހިނގައްޖެ، ރާއްޖޭގެ ޓޫރިޒަމް ސްޓެޓިސްޓިކްސްއަށް ބަލާއިރުގައި އެ އަދަދުތައް އިތުރުވެގެން ހިނގައްޖެ،ޑރ. އަބްދުالله ޚަލީލް، ފޮރިން މިނިސްޓަރު

މިކަމުން އަންގައިދެނީ އަރަބި އިސްލާމީ ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ބަލައިގެންފައިވާކަން ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. މަޖިލީހުން އެ ބިލުގެ މަސައްކަތް ނިންމީ ސަރުކާރުން ޕާސްޕޯޓު މަނާކުރާކަން އިއުލާނުކުރިތާ 11 މަސް ފަހުންނެވެ.

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން، އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މިހައި ގިނަ ދުވަސްވީ ކީއްވެގެންތޯ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް މީގެ ކުރިން ވިދާޅުވީ އެ ފިޔަވަޅު އެޅުން ލަސްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގައުމެއްގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން ގާނޫނަކުން މަނާކުރެވުމަކީ ބޮޑު ކަމެއް ކަމަށާއި، ކަމާގުޅުންހުރި ފަރާތްތަކާއެކު އެ މައްސަލަ ދިރާސާ ކުރުމަށާއި، އެފަދަ މަސައްކަތްތަކަށް ހޭދަވީ މުއްދަތު ގިނަ ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތާއެކު، މަޖިލީހަށް ހުށަހެޅޭ އިތުރު ކަންކަމުގެ މަސައްކަތްތައް ވެސް މަޖިލީހުން އައީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބިލާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވެސް ވަގުތު ހޭދަވީކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/205144

"އަޅުގަނޑެއް ގަބޫލެއް ނުކުރަން ތިވަރު ބޮޑު ޑިޒިޝަނެއް ނަގަން އަޅުގަނޑުމެންނަކަށް ވަގުތު ދިގު ވެގެން ދިޔަ ކަމަކަށެއް. މި ކިޔަނީ ގައުމެއްގެ ރައްޔިތުން މި ގައުމަށް އައުން، ގާނޫނެއްގެ ތެރެއިން އަޅުގަނޑުމެން މަނާކުރި ވާހަކަ،" މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ފާސްކޮށް ތަސްދީގު ކުރެވިފައިވަނީ ގިނަ ދިރާސަތަކާއި މަޝްވަރާއަށް ފަހު، ރާއްޖެއަށް އެންމެ ލޮޅުން ކުޑަވާނޭ ގޮތަށެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ނިންމުމުން ބައެއް ފަރާތްތަކުން ވަނީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ގައުމަކުން އެ ފަދަ ނިންމުމެއް ނިންމުމުން އަންނަ ފަތުރުވެރީންގެ އަދަދު މަދުވާނެ ކަމަށް ބުނެފައެވެ.

ނަމަވެސް، ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް މިދިޔަ އޭޕްރިލް މަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވިކަން ފާހަގަނުވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ ދުވަހަކު ވެސް މޮނިޓާކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް