މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި

ހުޅުމާލެ: މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، ގަޑިއިރެއް ތެރޭ ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން 12:40ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އަލުން ޚިދުމަތް ދެވޭނީ ކިހާއިރަކު ކަމެއް ހާމަކޮށްފައިނުވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓުތަކުގައިވާ ގޮތުން ކަރަންޓު ކެނޑުނީ 12:40ހާއިރެވެ. އަދި ހުޅުމާލޭ ދެ ފިޔަވަހީގެ ވެސް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އޭގެ ފަހުން 13:50ގައި ސްޓެލްކޯއިން ބުނީ، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. އަދި ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104އަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް މިފަހުން ހިނގަފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު މުޅި މާލެއާއި ހުޅުމާލެއަށް ކަރަންޓު ކެނޑިފައިވެއެވެ. އެގޮތުން އެ ދުވަހު 9:30ހާއިރު ކަރަންޓު ކެނޑުނުއިރު، 10:17ހާއިރު އަލުން ކަރަންޓު ދޭން ފެށިއެވެ. އެ މަސައްކަތުން މުޅި މާލެއާއި ހުޅުމާލެއަށް އެއްކޮށް ކަރަންޓު ދީ ނިމުނީ، ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރާއި 40 މިނެޓް ފަހުން، 12:13ގައެވެ.

އޭގެ ކުރިން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔައިރު، ޖެހިގެން އައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި، އަނދިރީގައި މީހުން ތިބެން ޖެހުނެވެ.

https://www.sun.mv/209696

ރާއްޖޭގެ އާބާދީގައި ހިމެނޭ ގިނަ ބަޔަކު ދިރިއުޅޭ މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން ދިމާވި ސަބަބާ ގުޅޭ ގޮތުން "ސަން"އިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާ ސުވާލުކުރުމުން ވިދާޅުވީ، ދިމާވި މައްސަލަ އެނގޭ ކަމަށާއި އެއީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

ކުއްލިއަކަށް ކަރަންޓު ކެނޑުމަކީ ޚިދުމަތްތައް މެދުކެނޑި، ގިނަ ދަތިތަކެއް ދިމާވާ ކަމެކެވެ. އޭގެ ސަބަބުން، ކަރަންޓު ބޭނުންކުރާ ސާމާނަށް ގެއްލުންތައް ލިބި، ވިޔަފާރިތަކަށް ވެސް ގެއްލުމާ ކުރިމަތިލާން ޖެހެއެވެ.

މިދިޔަ ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ. އެހެންވެ، ފުލުހުން އެ މައްސަލައިގެ ޚާއްސަ ތަހުގީގެއް ފެށި ނަމަވެސް، ތަހުގީގުގެ ނަތީޖާ މިހާތަނަށް ވެސް ހާމަކޮށްފައި ނުވެއެވެ.

comment ކޮމެންޓް