ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓު ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގައި މި އަހަރުގެ ކޯޗިން ޕާޓްނަރަކަށް ވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާފައިވަނީ، އަންނަ އަންގާރަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށެވެ.
ދިރާގުން ބުނީ، 2018 ވަނަ އަހަރުން ފެށިގެން ޑީއެމްއާރްއާރުން ރަސްމީ ކޯޗިން ޕާޓްނަރުންނާއެކު މަސައްކަތްކޮށްފައިވަނީ، އެންމެންނަށް ވެސް ފަސޭހައިން ދުވުމުގެ ތަމްރީނުތައް ހޯދޭނެ ގޮތް ހެދުމަށައި ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ކޯޗިންގ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ކުރިން އީމެއިލް ފޮނުވުމަށް ދިރާގުން ބުނެފައިވެއެވެ.
ޑީއެމްއާރްއާރް އަކީ އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރެތޯންސް އެންޑް ޑިސްޓެންސް ރޭސަސް (އޭއައިއެމްއެސް) ވޯލްޑް ރަނިން ކެލެންޑަރުގައި ރާއްޖެއިން ހިމެނޭ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމުގެ އިވެންޓެވެ. މި އިވެންޓުގެ ދުވުމުގެ ރޫޓު ވަނީ ވޯލްޑް އެތުލެޓިކްސްއިން ސެޓިފައިކޮށްފައެވެ.
ޑީއެމްއާރްއާރް 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.
ފާއިތުވި އަހަރުތަކުގައި ޑީއެމްއާރްއާރް ވަނީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ކުޅިވަރު ހަރަކާތަށް ވެފައެވެ. ދިރާގުން ހާމަކުރި ގޮތުގައި، ކޯޗިން ޕާޓްނަރުންގެ ޕްރޮގްރާމްގެ ތެރެއިން، ދިރާގުން މިވަނީ ބައިވެރިންނަށް އެންމެ ފުރިހަމައަށް ތަމްރީން ހެދުމަށް އެހީތެރިވުމަށާއި، އެއްބައިވަންތަކަމުގެ ވަރުގަދަ ރޫހު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތައްކޮށްފައެވެ.
ޑީއެމްއާރްއާރްއާ ބެހޭ އިތުރު މައުލޫމާތާއި ރަޖިސްޓާވުން ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކުރެވޭނެއެވެ.