ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދިރާގުން "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް"ގެ ޕާޓްނާޝިޕް އެއްބަސްވުން އައުކޮށްފިއެވެ.
ދިރާގުން ބުނީ، އެ ޕާޓްނާޝިޕް ދަށުން ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެހީތެރިވުމަށް ދިރާގުން އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން، ކާރިސާތައް ދިމާވާ ހާލަތްތަކާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސީނިއާ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ، ރެޑް ކްރެސެންޓުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ފުރުސަތު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
''މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ކުރައްވަވާ މިންނެއް މަސައްކަތް ފާހަގަކޮށް ދިރާގުގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،'' ބިޝާރާ ވިދާޅުވިއެވެ.
ރެޑް ކްރެސެންޓުން ފާހަގަ ކުރިގޮތުގައި، މިދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމާއި މަސައްކަތް ފުޅާ ކުރުމުގައި ދިރާގު އެހީތެރިކަންވަނީ ވަރަށް ބޮޑަށް ލިބިފައެވެ.
މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރަށް ދިރާގާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބޭ ކަމަށް ރެޑް ކެރެސެންޓުން ބުނެއެވެ.