އުރީދޫ ފަން ރަން މިއުޒިކް ޝޯ، މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.
އުރީދޫން ބުނީ އުރީދޫ ފަން ރަން ފެސްޓިވަލްގެ ތެރެއިން ބާއްވާ މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓަރަލް ޕާކުގައި ކަމަށެވެ. އެ ޝޯ އޮންނާނީ މިރޭ 8:00 އިން 11:59 އަށް ކަމަށް އުރީދޫ އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި މި ފަހަރުގެ ޝޯ، އާންމުންނަށް ހުޅުވާލާފައިވާއިރު، ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު ބޭންޑުތައް މި ޝޯއިން ފެންނާނެއެވެ. އޭގެ ތެރޭގައި ޓްރެފިކް ޖޭމް، އެކުއެޓިކްސް ވައިބު، ހަބޭސް އަދި ސިމްބޮލިކް ރެކޯޑް ހިމެނެއެވެ.
އެ ޝޯ ވާނީ ފަންރަންގެ ބައިވެރިންނާއި އާއިލާތަކަށާއި މިއުޒިކަށް ލޯބި ކުރާ އެންމެންނަށް ވެސް ހިތްގައިމު މާހައުލަކަށް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނެފައިވަނީ ފަންރަންއަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއް ކަމަށެވެ. އަދި އަމާޒަކީ ވެސް އެންމެން އެއްތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުމާއެކު، ދިވެހި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް ހިތްވަރު ދިނުން ކަމަށްވެސް އުރިދޫން ވަނީ ބުނެފައެވެ.
އުރީދޫ ފަން ރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.