ކެންސަރު ބަލި ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ އަގުބޮޑު ބޭހާއި ޓެސްޓު އާސަންދައިން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް، ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކެންސަރު ބަލީގެ ގިނަ ވައްތަރުތަކަކީ ދުރާލާ ޗެކުކޮށް، ކުރީކޮޅު ފަރުވާ ފެއްޓިއްޖެނަމަ އެއްކޮށް ރަނގަޅުކުރެވޭނެ ވައްތަރުތަކެއް ކަމަށާއި، ވެކްސިންގެ ޒަރިއްޔާއިން ކެންސަރުގެ ބައެއް ވައްތަރުތަކުން އެއްކޮށް ރައްކާތެރިކަން ލިބިދޭ ކަމަށެވެ.
ރާއްޖޭގައި ކެންސަރު ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކުރަމުން އަންނަ ބައެއް ކަންކަމަށް އަލިއަޅުވާލައްވައި ނާޒިމް ވިދާޅުވީ، ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓްރީ އިތުރަށް ހަރުދަނާކޮށް، ކެންސަރަށް ސްކްރީންކުރުން ފުޅާކުރުމާއި ކެންސަރުގެ ފަރުވާ ރަށްރަށުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މީގެ އިތުރުން، އާސަންދަ ނިޒާމުގެ ތެރެއިން ކެންސަރު ބައްޔަށް ބޭނުންވާ އަގުބޮޑު ބޭސްތަކާއި ޓެސްޓުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ، ބަލިމީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި "ޕެލިއޭޓިވް ކެއާ" ވަރުގަދަކުރުމަކީވެސް އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް," ނާޒިމް ވިދާޅުވިއެވެ.
މިހާރުވެސް ކެންސަރު ޖެހިފައިވާ 1،900 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަށް އަހަރުގެ ތެރޭ ދަފުތަރުކުރެވިފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވިގޮތުގައި، އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ރާއްޖޭގައި ނިސްބަތުން 17 ޕަސެންޓު މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.
އެއާއެކު، ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ހުރިކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ އާދަތަކުން ދުރުހެލިވުމާއި، ހަށިގަނޑަށް ފައިދާހުރި ތަކެތި ކެއުމާއި، ގަވައިދުން ކަސްރަތުކުރުން ހިމެނޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކެންސަރު ބަލީގެ ރެކޯޑުތަކަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު 137 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު މި އަދަދު ވަނީ 208 އަށް އިތުރުވެފައެވެ.
މި ހަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކެންސަރުގެ އާ ކޭސްތައް ރެކޯޑުކުރެވިފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ޖުމްލަ 244 މީހަކަށް އަލަށް ކެންސަރު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 211 ކޭސް ރެކޯޑުކުރެވުނުއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 195 އަށް ތިރިވެފައެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ 2025 ވަނަ އަހަރަކީ ކެންސަރު ބަލީގެ އާ ކޭސްތައް އެންމެ މަދުން ފެނުނު އަހަރެވެ. އެ އަހަރު ރެކޯޑުކުރެވިފައިވަނީ ޖުމްލަ 111 ކޭސްއެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު ދަށްވުމެކެވެ.
ކުޑަ އާބާދީއެއް އޮންނަ މި ރާއްޖޭގައި ވެސް ކެންސަރު ބަލި އޮތީ ނުރައްކާ ހާލަތެއްގައެވެ. އައިޖީއެމްއެޗްއިން މީގެ ކުރިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ އާންމީ އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރެވެ. ކެންސަރު މިހާ އިތުރުއިރު އޭގެ ސަބަބުތަކުގެ ތެރޭގައި ސިއްހީ ނުރަނގަޅު އާދަތައް ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލެކޭ އެއްގޮތަށް ދުފުމަކީ ވެސް ގިނަ ދިވެހީން ކެންސަރަށް ހުށަހެޅޭ ސަބަބެކެވެ.