މޮސްކޯ (5 ފެބްރުއަރީ 2026) : އީރާނާ ބިރުދައްކައި އެގައުމާ ދިމާކޮށްލައިގެން އުޅޭ އުޅުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެހެން ނޫނީ އެމައްސަލައިގެ ތެރެއަށް ރަޝިއާ ވަންނާނެ ކަމުގެ އިންޒާުރު އެ ގައުމުން ދީފިއެވެ.
އެމެރިކާ އީރާނާ ދިމާކޮށްލައިގެން އުޅޭ އުޅުމުގެ ސަބަބުން މުޅި މެދުއިރުމަތި ހަނގުރާމައިގެ ޝިކާރައަކަށް ވެގެން ހިނގައިދާނެ ކަމަށާއި އެކަން ހަމައެކަނި ބަލަން ރަޝިއާ ނޯންނާނެކަމަށް ވިދާޅުވެ ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ މިމައްސަލައިގެ ތެރެއަށް ރަޝިއާ ނުވަދެ ނޯންނާނެ ކަމުގައެވެ.
ދާދި ދެންމެއަކު ދެއްވި ބަޔާނެއްގައި ލާވްރޯވް ވިދާޅުވީ އީރާނާ ދެކޮޅަށާއި އަދި މުޅި ސަރަހައްދުގައި ހުޅު ރޯކޮށް ހަމަނުޖެހުން ހިންގުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަންކަމާ އެކަމާ އަޅާނުލައި ދެއަތް އުރާލައިގެން ރަޝިއާ އޮންނާނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީ އެއްކަމުގައެވެ.
ރަޝިއާ ދަނީ ސަރަހައްދުގައި ހަމަނުޖެހުން އުފައްދަން އުޅޭ ބޭރުގެ ފަރާތްތަކުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ކަމަށްވެސް ލާވްރޯޯވް ވިދާޅުވިއެވެ.

ލާވްރޯވް
ލާވްރޯވް ވިދާޅުވިގޮތުގައި އީރާނާ އަދި މުޅި ސަރަހައްދުގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ރަޝިއާ ކުރާނެއެވެ. އޮންނާނީ ހަމައެކަނި ކުޅި ބަލާކަށް ނޫނެވެ. ސަބަބަކީ މިސަރަހައްދަކީ ރަޝިއާގެ ގައުމީ މަސްލަހަތަށް މުހިއްމު ސަރަހައްދަކަށްވާތީއެވެ. މިއީ ނުސީދާ ގޮތެއްގައި ސީދާ އެމެރިކާއަށް ދެއްވި އިންޒާރެއްކަމަށް މީޑީއާ ތަކުންވަނީ ސިފަކޮށްފައެވެ.
ލާވްރޯވް މިހެން ވިދާޅުވީ އެމެރިކާއިން އީރާނާ އަރައިގަނެ ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި ހަނގުރާމައިގެ ގުރާބުތައް ޖަމާކޮށް އީރާނަށް ބިރުދައްކަމުން ގެންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
އެމެރިކާ ވަނީ އީރާނުގެ ވެރިކަމުގެ ނިޒާމު އެމެރިކާ އެދޭ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެ ގައުމުގެ ހަރުކަށި ބައެއް ފަރާތްތަކަށް ފާޅުގައި ވާގިވެރިވެފައެވެ. އެ ފަރާތްތަކުން ދާދިފަހުން އީރާނުގެ ސަރުކާރާއި އަމިއްލަ މީހުންގެ ތަންތަނުގައި ހުޅުޖަހައި އީރާނުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ މީހުންނާއި އާންމުން މެރުމުގެ ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދިޔައިރު އެމެރިކާވަނީ ފާޅުގައި އެއަމަލުތަކަށް ތާއީދުކޮށްފައެވެ.
މިއާއެކު އީރާނުންވަނީ ޓެރަރިޒަމަށް ވާގިވެރިވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކޮށްފައެވެ. އީރާނުން ބާރުގެ ބޭނުންކޮށްގެން މި ހަމަނުޖެހުންތައް ހުއްޓުވާން ފެށުމުން އެމެރިކާގެ ރައީސްވަނީ އީރާނަށް ހަމަލާދީ އެގައުމަށް އަސްކަރީގޮތުން އަރައިގަންނާނެކަމުގެ އިންޒާރު އެތަށް ފަހަރަކު ދެއްވާފައެވެ.
އީރާންވަނީ އެގައުމަށް އިސްވެ ހަމަލާދީފިނަމަ އިސްރާއީލަށާ އަދި ސަރަހައްދުގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކާއި މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއްދީ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް މުޅި ސަރަހައްދު ހަލާކުވާވަރުގެ ޝާމިލް ހަނގުރާމައެއް ފަށާނެކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ އިންޒާރާއެކު އީރާނަށް އިސްވެ ހަމަލާދިނުމަކީ ވަރަށް ބޮޑު އަގެއްދައްކަން ޖެހޭނެކަމެއްކަން އެމެރިކާއަށް ޔަގީންވެ އީރާނަށް އިސްވެ ހަމަލާދީ އަސްކަރީ ގޮތުން އަރައިގަންނަން މިފަހަރު އެމެރިކާއަށް ކެރިފައެއް ނުވެއެވެ.
ނަތީޖާއެއްގެ ގޮތުން އެމެރިކާ ވަނީ އީރާނާއެކު ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ނިންމާފައެވެ. މިވާހަކަތައް ބާއްވަން މިހާރު ހަމަޖެހިފައިވަނީ މާދަމާ ގަލްފުގެ އަރަބި ގައުމެއްކަމަށްވާ އުމާންގެ ވެރިރަށް މަސްގަތު ގައެވެ. ނަމަވެސް މިވާހަކަތައް ކާމިޔާބުވެ ކޮޅެއްގައި ޖެހޭނެކަމުގެ އެއްވެސް އުންމީދެއްނެތެވެ.
ސަބަބަކީ އެމެރިކާ ގެ ޝަރުތުތަކަކީ އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުން އެއްކޮށް ދޫކޮށްލައި ހަތިޔާރުވެސް ބަހައްޓައި އެމެރިކާއަށް އެއްކޮށް އަމާންދިނުން ކަމަށްވާތީއެވެ.
އެމެރިކާ ޝަރުތުކުރަނީ އީރާނުން މަދަނީ ބޭނުންތަކަށްވެސް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކުރުން ހުއްޓާލުމަށެވެ. އަދި އީރާނުގެ އަތުގައި ހުރި ހަމައެކަނި ފެންވަރު ރަނގަނޅު ހަތިޔާރުކަމަށްވާ މިސައިލް ޓެކްނޮލޮޖީ ދޫކޮށްލުމަށެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކާއި ލުބްނާނުގެ ހިޒްބުﷲ ފަދަ ޖަމާއަތްތަކާ ގުޅުންތައް ކަނޑާލުމަށެވެ.
މިއީ އެމެރިކާގެ ޝަރުތުތަކަށްވުރެ ބޮޑަށް އިސްރާއީލުގެ ޝަރުތުތަކެއްކަމަށް ޚުދު އެމެރިކާގެ މަސްއޫލުވެރިންވެސް ވަނީ ވިދާޅުވެފައެވެ. އީރާންވަނީ މިޝަރުތުތައް ގަބޫލުކުރެންނެތްކަމަށް ތަކުރާރުކޮށް ބުނެފައެވެ.
އެހެންކަމުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވާހަކަތައް ނާކާމިޔާބު ވާނެކަމަށް ވަނީ ބެލެވިފައެވެ. ވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ އީރާނަށް ހަމަލަދޭނެކަމަށް ވިދާޅުވެ އެމެރިކާގެ ޔަހޫދީ ފިކުރުގެ ބޭފުޅެއްކަމަށްވާ ޖޭޑީ ވާންސް ވަނީ އިންޒާރު ދެއްވާފައެވެ.