މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، އެމްސީއެސްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނާ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފިއެވެ.
މި ތިން މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައި ވަނީ ހޯމް މިނިސްޓަރު ޢަލީ އިޙުސާންއެވެ.
ކަރެކްޝަންއިން ވަނީ މި ތިން މަޝްރޫޢުއަކީވެސް މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކޮށްފައެވެ. އެގޮތުން ކަރެކްޝަންސްގެ ސްޓްރެޖީޓިކް އެކްޝަން ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫއެންއޯޑީސީގެ ފަންނީ އެހީތެރިކަން ލިބިގެން ތައްޔާރުކުރެވިފައިވާ ޕްލޭނެއްކަން ކަރެކްޝަންސްއިން ވަނީ ފާހަގަކޮށްފައެވެ.
އަދި އެ ޕްލޭނާ އެއްގޮތަށްމި ކަރެކްޝަންސްގެ މަސައްކަތްތައް ތަރުތީބުވެގެން ގޮސްފިނަމަ ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދާނެކަމާއި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބިގެންދާނެ ކަަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

ކަރެކްޝަންސްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ކަރެކްޝަންސް
މީގެ އިތުރުން ޕްރިޒަނާ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްއަކީވެސް ޔޫއެންއޯޑީސީގެ ފުރިހަމަ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ސިސްޓަމެއްކަން ކަރެކްޝަންސްއިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެ ސިސްޓަމާއެކު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ މައުލޫމާތުތައް މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމަށް ގާއިމުކުރެވޭ ޑިޖިޓަލް ނިޒާމުގެ ސަބަބުން، ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ހުރިހާ މައުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުރުމާއެކު، މައުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޯޓުތަކާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޙިދުމަތް ފަދަ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވެގެން ދާނެ ކަމަށާއި އެ ނިޒާމުގެ ތެރެއިން ގައިދީންނާއި ބަންދުމީހުންގެ މެޑިކަލް އަދި ޕާސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެކަމަށްވެސް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ކަރެކްޝަނުން ބުނީ "މައިއެމްސީއެސް" ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީސާވިސް ޕޯޓަލް އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.

ކަރެކްޝަންސްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ކަރެކްޝަންސް
އެ ޕޯޓަލްއަށް އީފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށްފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ މި މަޝްރޫއުތަކަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ކަމަށާއި ކޮންމެ ކަމެއް ކުރާއިރު، އެކަމުގެ މަގުދައްކައިދޭ ރޯޑްމެޕެއް އޮތުމަކީ މިހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
އަދި އެމްސީއެސްގެ ހަޔާތުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ފަދަ ބޮޑެތި ތަރައްޤީތަކެއް ނެތް ކަމާއި މީގެ ކުރިން އެމްސީއެސްގެ ހީވާތި އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރަންޖެހުނީ ގައިދީންނާއި ބަންދުމީހުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި އިންފްރާސްޓްރަކްޗާ ފަދަ އެއިރެއްގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.
އޭނާ ވަނީ ޔޫއެންއޯޑީސީ އަދި ޔޫރަޕިއަން ޔޫނިއަންގެ މުހިއްމު އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.