ބޭންކް އެކައުންޓް ހެކްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އިތުރު 25 ދުވަސް

މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު, 36, އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި، ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެ މީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައެއްގެ ތަހުގީގުގެ ތެރެއިން, ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

އޭގެ ފަހުން އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ. ކްރިމިނަލް ކޯޓުން ކުރިން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ އަލުން އިތުރަށް ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުން އެދުމުން އިތުރު 25 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ނަދީފް ވަނީ 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައި ކަމަށެވެ. އަދި 4900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ނަދީފަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް