ވިންޑޯސް، މެކް އަދި ލިނަކްސް ފަދަ ޑެސްޓޮޕް އޮޕަރޭޓިން ސިސްޓަމްތަކުގައި ބޭނުންކުރާ ގޫގުލް ކްރޯމް ބްރައުޒާގައި ހިމެނޭ "ޕިންޑް ޓެބްސް" ފީޗާ، އެންޑްރޮއިޑް ފޯނުތަކަށް ތަޢާރަފުކޮށްފިއެވެ.
މި ފީޗާ އެންޑްރޮއިޑް ޑިވައިސްތަކަށް ގެނައުމަށް ހަމަޖެހިފައިވާކަން ގޫގުލްއިން އިޢުލާނުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގައެވެ. މިއީ މުހިންމު ވެބްސައިޓްތައް ނުވަތަ ޓެބްތައް ބްރައުޒާގެ އެންމެ ކުރީގައި ޕިން ކޮށްލެވޭގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި ގޫގުލް ކްރޯމް އެޕްލިކޭޝަން، ވާޝަން 144.0.7559.132 އަށް އަޕްޑޭޓް ކުރަންޖެހެއެވެ.
އެއަށް ފަހު، ޕިން ކުރަން ބޭނުންވާ ޓެބަށް ފިތާލައިގެން (ލޯންގް ޕްރެސްކޮށް) ހިފަހައްޓާލާށެވެ. އަދި، ދެން އަންނަ މެނޫއިން "ޕިން ޓެބް" ޚިޔާރުކުރާށެވެ.
މިގޮތަށް ހެދުމުން އެ ޓެބް، ބްރައުޒާގެ ޓެބް ސެކްޝަންގެ އެންމެ ކުރީގައި (ޓޮޕްގައި) އިންނާނެއެވެ. އަދި، ކްރޯމް އެޕްލިކޭޝަން އެއްކޮށް ކްލޯޒްކޮށްލުމަށް ފަހު އަލުން ހުޅުވާއިރު ވެސް ޕިންކޮށްފައިވާ ޓެބް ފެންނަން ހުންނާނެއެވެ. ޓެބް އަންޕިން ކުރަން ބޭނުންނަމަ ހަމަ މިގޮތަށް ޢަމަލުކޮށް ނުވަތަ އެ ޓެބް ކްލޯޒްކޮށްލެވިދާނެއެވެ.
ގޫގުލްއިން މި ބަދަލު ގެނެސްފައިވަނީ އެންޑްރޮއިޑް ފޯނުތަކުގައި ވެސް ކޮމްޕިއުޓަރެއް ފަދަ ތަޖުރިބާއެއް ޔޫޒަރުންނަށް ހޯދައިދިނުމުގެ ބޭނުމުގައެވެ.
މީގެ އިތުރުން، އެންޑްރޮއިޑް 16 ގެ އަޕްޑޭޓާ އެކު "ޑެސްކްޓޮޕް މޯޑް"ގެ ޚިދުމަތް ފުޅާކުރުމަށް ވެސް ގޫގުލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ފީޗާގެ ދަށުން، ފޯނު ޑިސްޕްލޭއަކަށް (މޮނިޓަރަކަށް) ގުޅާލުމުން، ސެމްސަންގްގެ ޑެސްޓޮޕާ އެއްގޮތް މަލްޓި-ވިންޑޯ ލޭއައުޓެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
'ޕިންޑް ޓެބްސް'އަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ކޮމްޕިއުޓަރުތަކުގައި ގޫގުލް ކްރޯމް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ، އަދި މަސައްކަތުގެ މާޙައުލުގައި ވަރަށް ބޭނުންތެރި ފީޗާއެކެވެ. ގޫގުލްއިން މި ފީޗާ މޯބައިލް ފޯނުތަކަށް މި ގެނައީ، ސްމާޓްފޯނާއި ކޮމްޕިއުޓަރާ ދެމެދު އޮތް ފަރަޤު ކުޑަކޮށް، ފޯނުން ކުރާ މަސައްކަތްތައް (ޕްރޮޑަކްޓިވިޓީ) އިތުރުކުރުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.
ޚާއްޞަކޮށް ކުރިއަށް އޮތް އެންޑްރޮއިޑް 16 ގައި ހިމެނުމަށް މަސައްކަތްކުރާ 'ޑެސްކްޓޮޕް މޯޑް' ފުރިހަމަކުރުމަށްޓަކައި، ބްރައުޒިން ތަޖުރިބާ މިހާރަށްވުރެ ފަސޭހަވުން މުހިންމެވެ.
މި ބަދަލާއެކު އީމެއިލް، ސޯޝަލް މީޑިއާ ނުވަތަ ޚަބަރު ވެބްސައިޓްތައް ފަދަ، ޔޫޒަރުން ތަކުރާރުކޮށް ވަންނަންޖެހޭ މުހިންމު ޞަފްޙާތައް ނުގެއްލި ފަސޭހައިން ބެލެހެއްޓޭނެއެވެ.