15 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި ރޯވެ، ބޮޑު ގެއްލުމެއް

ދޯނީގައި އަލިފާން ރޯވެފައި: މިއީ މާލޭ ކައިރީގައި އޮތް ދޯންޏެއް --- ފޮޓޯ/ ފުލުހުން

މާލެ ކައިރިން 15 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި ރޯވެ، އަނދަމުން އެބަދެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާ ހިނގީ ކުރުނބާ ރިސޯޓު ކައިރިންނެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ދޯނީގައި 15 މީހުން ތިއްބެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުން ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ލޯންޗެއްގައި މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ކުރިން ތުލުންދޫން މާލެ ދަތުރުކުރަމުންދިޔަ ރިވާ ސްޕީޑް ކިޔާ ލޯންޗަކުން ވެސް ވަނީ އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް އެހީވެފައެވެ. އަނިޔާވި ބައެއް މީހުން މާލެ ގެންދިޔައީ އެ ލޯންޗުގައެވެ.

އެކަމަކު، މި ހާދިސާގައި އަނިޔާވީ ކިތައް މީހުންނަށް ކަމެއް ނުބުނެއެވެ.

ފުރަތަމަ ރޯވެފައިވަނީ ދޯނީގެ އިންޖީނާ ހުރި ފަޅީގައި ނަމަވެސް މިހާރު ދޯނީގެ ބޮޑުބައި އެއްކޮށް އަނދާފައިވާކަން ފޮޓޯތަކުން އެނގެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އެ ގޮތުން، އެ ދޯނީގެ ފަހަތުކޮޅުގައި އެއްކޮށްހެން ވަނީ ހުޅު ހިފާފައެވެ.

މަސް ދޯންޏެއްގައި ރޯވުން: އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައި -- ފޮޓޯ/ އެމްއެންޑީއެފް

މި ހާދިސާ ހިނގީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ހާދިސާއަށް ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން 3:39 އެހާކަންހާއިރު އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ބުނެފައެވެ.

މީގެ ކުރިން ކަނޑުމަތީގައި މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.

comment ކޮމެންޓް