ދޯނީގައި ރޯވުން: 5 މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ދޯނީގައި ރޯވި ހާދިސާ: ފަސް މީހަކަށް އަނިޔާވި -- ފޮޓޮ/ އެމްއެންޑީއެފް

މާލޭ ކައިރީން 15 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެގެން މިއަދު ހިނގި ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރެވެ.

ދޯނީގައި ރޯވި އަލިފާންގަނޑުގައި ދޯނީގައި ބޮޑުބައި އަނދާފައިވާއިރު، ބައެއް މީހުންނަށް އަނިޔާވެގެން ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއްގައި ވަނީ މާލެ ގެންގޮސްފައެވެ.

ފުލުހުން މިއަދު ބުނީ، އެ ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވި ކަމަށެވެ. އެ އެންމެން ވެސް މާލެ ގެންގޮސް، ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ، ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ.

ހާދިސާގެ މައުލޫމާތު އެނގޭ މީހަކު 'ސަން'އަށް ބުނީ، މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

ފުރަތަމަ ރޯވެފައިވަނީ ދޯނީގެ އިންޖީނާ ހުރި ފަޅީގައި ނަމަވެސް މިހާރު ދޯނީގެ ބޮޑުބައި އެއްކޮށް އަނދާފައިވާކަން ފޮޓޯތަކުން އެނގެއެވެ.

https://sun.mv/217920

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އެ ގޮތުން، އެ ދޯނީގެ ފަހަތުކޮޅުގައި އެއްކޮށްހެން ވަނީ ހުޅު ހިފާފައެވެ.

މި ހާދިސާ ހިނގީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ހާދިސާއަށް ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން 3:39 އެހާކަންހާއިރު އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ބުނެފައެވެ.

މީގެ ކުރިން ކަނޑުމަތީގައި މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.

comment ކޮމެންޓް