ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، އަންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓުލުމަށް އެހެން ރަށްރަށުގައި ރީރަޖިސްޓްރީކުރުމަށް ވެރިކަންކުރާ ޕީއެންސީން މަޖުބޫރުކުރަމުން އަންނަކަމަށް އިދިކޮޅު އެމްޑީޕީން ކުރާ ތުހުމަތުތައް، ޕީއެންސީން މިއަދު ދޮގުކޮށްފިއެވެ.
އެމްޑީޕީން އިއްޔެ ވަނީ، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގައި މަސައްކަތް ކުރާ މުވައްޒަފުން, ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި ވޯޓުލުމަށް އެހެން ރަށްރަށަށް ރީރަޖިސްޓްރީ ކުރުމަށް މަޖުބޫރުކުރުވަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ޕީއެންސީން 'ސަން'އަށް ބުނީ، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދައްކައި، އެ މީހުން އެހެން ރަށްރަށުގައި ރީރަޖިސްޓްރީކުރުމަށް މަޖުބޫރުކުރާ ކަމަށް އެމްޑީޕީން ބުނި ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
އެފަދަ ކަމެއް ކުރާނެ ސަބަބެއް ޕީއެންސީގެ ނޯންނާނެ ކަމަށާއި، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވެސް ވިސްނުންފުޅެއްނޫން ކަމަށެވެ.
އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލު އިންތިޚާބާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން އެހެން ތަނަކަށް ނުވަތަ ރަށަކަށް ބަދަލުކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ނިޔަލަށެވެ.
އިއްޔެ ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ތަރުޖަމާނު ޢަބްދުالله ވަޙީދު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ފެނަކައާއި އާރުޑީސީގައި ވަޒީފާ އަދާކުރާ މުވައްޒަފުން މަސައްކަތްކުރާ ރަށް ނޫން ރަށްރަށަށް ރީ ރަޖިސްޓްރީ ކުރުމަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށެވެ. އޭނާ ލިޔުއްވި ގޮތުގައި، ސަރުކާރުން އެގޮތަށް މަޖުބޫރުކުރަނީ، އެ މުވައްޒަފުންގެ ވޯޓު ޔަގީންކުރުމަށެވެ.
އޭގެ އިތުރުން، ސަރުކާރުން އިންތިހާއަށް އިންތިޚާބަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ވަހީދު އެފަދައިން ލިޔުއްވިއިރު، އެމްޑީޕީގެ ޓިކެޓުގައި ކައުންސިލު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ތިނަދޫ ސިޓީގައި މަސައްކަތްކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ތިން މުވައްޒަފަކު އެހެން ރަށްރަށަށް ބަދަލުކޮށްފި ކަމަށް އެ ޕާޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތުހުމަތުކޮށްފައެވެ.
އޭގެކުރިން، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، ޢަބްދުލްކަރީމް ޢަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމައިފައިވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަނީ ވަކިކޮށްފައެވެ.
ހުރިހާ ޕާޓީތަކުން އަންނަނީ އިންތިޚާބަށް ބޮޑެތި ކެމްޕެއިންތަކެއް ކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދިވަހު ވަނީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނަގައި، ނަންތައް ވެސް ތަރުތީބުކޮށްފައެވެ.