އިންތިޚާބެއް ނެތި ޕީއެންސީއަށް 69 ގޮނޑި ލިބުނުއިރު އެމްޑީޕީއަށް ލިބުނީ އެންމެ 6 ގޮނޑި

ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ގިނަ އަދަދެއްގެ ގޮނޑިތައް ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކުރި ގޮތުގައި ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުން ކުރިމަތިނުލުމާއި، ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން ޖުމްލަ 69 ގޮނޑިއެއް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައިވެއެވެ.

މީގެ ތެރެއިން ކައުންސިލް ގޮނޑިތަކަށް ބަލާއިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ވެރިކަން ކުިރާ ޕީއެންސީންނެވެ. އެ ޕާޓީއަށް ވަނީ ކައުންސިލްތަކުގެ 28 ގޮނޑި އިންތިޚާބަކާ ނުލައި ލިބިފައެވެ.

އޭގެ ތެރޭގައި ހއ. އުތީމު، ހއ. ބާރަށް، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އަދި އދ. ދިއްދޫގެ ކައުންސިލް ރައީސްކަމުގެ ގޮނޑިތައް ހިމެނެއެވެ. މީގެ އިތުރުން އެކި ރަށްރަށުގެ ކައުންސިލް މެންބަރުކަމާއި އަންހެނުންނަށް ޚާއްޞަ ގޮނޑިތައް ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރު އިންތިޚާބަކާ ނުލައި ލިބުނީ އެންމެ ގޮނޑިއެކެވެ. އެއީ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއެވެ. އަދާލަތު ޕާޓީއަށް ރ. ކިނޮޅަސް ކައުންސިލްގެ މެންބަރުކަން ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ތިން މީހަކު ވެސް ވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރު ވެސް، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ ޕާޓީއަށް އެ ކޮމިޓީތަކުން 41 ގޮނޑި ލިބިފައިވާއިރު، އެމްޑީޕީއަށް ލިބުނީ ފަސް ގޮނޑިއެވެ. އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް ވަނީ އިންތިޚާބަކާ ނުލައި ހޮވިފައެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުން އުނިކުރުމަށްފަހު މިހާރު ވާދަކުރަނީ ޖުމްލަ 2,962 ކެންޑިޑޭޓުންނެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ.

ގިނަ އަދަދެއްގެ ގޮނޑި އިންތިޚާބަކާ ނުލާ ސަރުކާރަށް ކާމިޔާބުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ ސަރުކާރުން، އިދިކޮޅު ކެންޑިޑޭޓުންނަށް ނަން ނަގަން އެކި ހުށަހެޅުންތައް ހުށަހަޅާކަމަށާއި، ރިޝްވަތުގެ ގޮތުގައި ފައިސާއާއި ވަޒީފާ ވެސް ބަހަމުން އަންނަ ކަމަށް ތުހުމަތުކުރަމުންނެވެ.

comment ކޮމެންޓް