މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން, ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ސީޕީ ކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމެވިކަން އޭނާ ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރަން ނިންމެވިކަން ނަވީން މިހާރު ވަނީ ފުލުހުންގެ އިސްވެރިންނަށް ވެސް އަންގަވައިފައެވެ.
އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަވައެވެ. އެހެންކަމުން ކުއްލި ގޮތަކަށް ރިޓަޔާ ކުރައްވާ ސަބަބެއް އަދި ސާފެއް ނުވެއެވެ.
ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އަހަރުގެ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފައެވެ.
ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ.
މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ, ސީޕީ ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމައިފައެވެ. އެ އޮފިސަރުން ސަސްޕެންޑުކުރަން ލަފާދެނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އެ ބޭފުޅުން އަމަލުކުރެއްވި ކަމަށް ތުހުމަތު ކޮށެވެ.
ނަމަވެސް އެ ފިޔަވަޅު ތަންފީޒު ކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަވީން ވަނީ، 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފުލުހުންގެ ޚިދުމަތުގައި މަަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތާން ކުއީންސްލޭންޑާއި މެލޭޝިއާގެ ސްޓެމްފޯޑް ކޮލެޖުން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.