ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސަންޖޭ ލީލާ ބަންސާލީގެ ސިއްހީ ހާލު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފެށުމާ ގުޅިގެން ދެކެވެމުންދިޔަ ވާހަކަތައް އޭނާގެ ޓީމުން ދޮގުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު އުމުރުން 63 އަހަރު ފުރުނު ސަންޖޭ ހޮސްޕިޓަލަށް ގެންދެވުނީ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ހުއްޓައި ކުއްލިއަކަށް މޭގައި ރިއްސަން ފެށުމުން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ބައެއް މީޑިއާތަކުން ބުނިގޮތުގައި ސަންޖޭއަށް ހާޓްއެޓޭކެއް ޖެހި، ހޮސްޕިޓަލުގައި ވަނީ ފަރުވާދޭން ފަށާފައެވެ. ނަމަވެސް ސަންޖޭގެ ޓީމުން ފަހު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ ހޮސްޕިޓަލަށް ދިޔައީ އާދައިގެ މަތިން ޗެކްއަޕްތަކެއް ހެދުމަށް ކަމަށާއި ހާލު މިހާރު ރަނގަޅު ކަމަށެވެ.
ސަންޖޭގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނެތް ކަމަށް ވެސް އޭނާގެ ޓީމުން ވަނީ ބުނެފައެވެ. ސަންޖޭގެ ހާލު ދެރަވުމާ ގުޅިގެން ގިނަ ބަޔަކު އޭނާގެ ހާލުބަލައި މެސެޖުތައް ރައްދުކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ސަންޖޭގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ސަންޖޭ އަދި ފިލްމު "ލަވް އެންޑް ވޯ"ގެ ލީޑް ތަރިން-- ފޮޓޯ/ބޮލީވުޑްހަންގާމާ
ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރުގެ ދެން އެންމެ އަވަހަށް ރިލީޒްވާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ލަވް އެންޑް ވޯ"އެވެ. މި ފިލްމުގެ ކާސްޓުންނަކީ ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލްއެވެ.
ބަންސާލީ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ އާލިއާ ބަޓް ލީޑް ރޯލް ކުޅުނު ފިލްމު "ގަންގޫބާއި ކަތިއަވާޅީ"އެވެ. މީގެއިތުރުން އޭނާ ވަނީ ނެޓްފްލިކްސްއާ ގުޅިގެން "ހީރާމަންޑީ: ދަ ޑައިމަންޓް ބަޒާރު"ގެ ނަމުގައި ވެބް ސީރީސްއެއް ވެސް އުފައްދާފައެވެ.