ޒަވާޖީ ހަޔާތުގެ މުޅިން އާ ސޮފްހާއެއް މިއަދު ފެށި ދެކުނު އިންޑިއާގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ވިޖޭ އާއި ރަޝްމިކާގެ ކައިވެނީގެ ފޮޓޯތައް ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.
އިންޑިއާގެ ދެ ސަޤާފަތެއް ރަމްޒުކޮށްދިނުމުގެ ގޮތުން ކައިވެނީގެ ދެ ހަފްލާ މިއަދު ބޭއްވިއިރު ވިޖޭ އާއި ރަޝްމިކާގެ ފުރަތަމަ ކައިވެނީގެ ހަފްލާ އޮތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އޭގެފަހުން ބަތަލާ ރަޝްމިކާ ނިސްބަތްވާ ކޮޑާވާ ހެރިޓޭޖްއަށް އިހުތިރާމް ކުރުމުގެ ގޮތުން އެ ތަނުގެ ސަޤާފަތާ އެއްގޮތަށް ބޭއްވި ކައިވެނީގެ ރަސްމިއްޔާތު އޮތީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ވެސް މިހާރު ފެންނަ ބަތަލާ ރަޝްމިކާ ކައިވެނީގެ ހަފްލާގައި--ފޮޓޯ/އެންޑީޓީވީ
ދެ ތަރިންގެ ކައިވެނި ކުރެވުމާ އެކު މިރޭގެ ވަގުތެއްގައި ކައިވެނީ ރަސްމިއްޔާތުގެ ބައެއް ފޮޓޯތައް ހާއްސަ މެސެޖަކާ އެކު ވިޖޭ އާއި ރަޝްމިކާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކުގައި ދެ ތަރިން ވެސް ވަނީ އެކަކު އަނެކަކަށް ޓަކައި ހިތުގައި އޮތް ލޯބި ހާމަކަން ބޮޑު ގޮތެއްގައި ފާޅުކޮށްފައެވެ.
މިއީ ދެ ތަރިން އެކަކު އަނެކަކާ ދޭތެރޭ ދެކޭގޮތް ސޯޝަލް މީޑިއާގައި ހާމަކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
ރަޝްމިކާ ހިއްސާކުރި ކައިވެނި ފޮޓޯތަކާ އެކު ލިޔުނު ދިގު މެސެޖުގައި ބުނެފައި ވަނީ ބަތަލާ ދެކެ ލޯބިވާ އެންމެހާ ފަރާތްތަކަށް ފިރިމީހާ ވިޖޭ ދެވަރަކޮންދާ ތައާރަފްކުރާ ކަމަށެވެ. ވިޖޭ އަކީ ރަޝްމިކާއަށް ލޯބީގެ ހަގީގީ އިހުސާސްކޮށްދިން މީހާ ކަމަށާއި މިއަދު ރަޝްމިކާއަށް ފިލްމީ ކެރިއަރުގައި އާދެވިފައި ހުރި މަގާމަށް އާދެވުނީ ވިޖޭގެ ސަބަބުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ރަޝްމިކާ އާއި ވިޖޭގެ ކައިވެނީގެ ރަސްމިއްޔާތުގައި ދެ ތަރިން--ފޮޓޯ/އެންޑީޓީވީ
ވިޖޭއަށް ތައުރީފުކުރަން ވެއްޖެނަމަ އެކަމާ ގުޅޭގޮތުން ފޮތެއް ވެސް ލިޔެވިދާނެ ކަމަށާއި ވިޖޭގެ އަންހެނުންގެ މަގާމަށް އާދެވުމަކީ ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކައިވެނީގެ ފޮޓޯތައް ހިއްސާކުރަމުން ވިޖޭ ބުނީ، ރަޝްމިކާ އަކީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށާއި މިއަދު އެ ރަހްމަތްތެރިޔާ އަކީ އަނބިމީހާ ކަމަށެވެ. ރަޝްމިކާއާ ނުލާ ދިރިއުޅުމުގެ އެއްވެސް ކަމެއް ފުރިހަމަ ނުވާނެ ކަމަށާއި ކުރިއަށްހުރި ދުވަސްތަކަކީ ދެ މީހުންގެ ހަޔާތުގެ ވަރަށް އުފާވެރި ޞަފުހާތަކެއް ލިޔެވޭނެ ދުވަސްތަކެއް ކަމަށް ވިޖޭގެ ދެމަފިރިން ވަނީ ބުނެފައެވެ.
ރަޝްމިކާ އާއި ވިޖޭގެ ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ދިޔައީ އިންޑިއާގެ އުދޭޕޫރާ 50 ކިލޯމީޓަރު ދުރުގައި ހުންނަ ލަގްޒަރީ ހޮޓަލެއް ކަމަށްވާ އައިޓީސީ މެމެންޓޯސްގައެވެ.
ދެ ކައިވެންޏަށްފަހު ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ގާތް ރަހްމަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ކައިވެނީ ރިސެޕްޝަން ހަފްލާ އަންނަ މަހު ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.