އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ، އިލްހާން އުމަރާއި ރާޝިދާ ތުލައިބް އެމީހުން އައި ތަނަށް އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެ ދެ މެންބަރުން ވަނީ އަންގާރަ ދުވަހު ޓްރަމްޕް ސްޓޭޓް އޮފް ދަ ޔޫނިއަން ޚިތާބު ދެއްވި ވަގުތު ޓްރަމްޕާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ.
އޭގެފަހުން އިއްޔެ ޓްރަމްޕްގެ ޓްރޫތް ސޯޝަލް މީޑިއާގައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ މުސްލިމް ދެ މެންބަރުން އަމަލުކުރީ ކޮރަޕްޓް ސިޔާސީ ބޭފުޅުން އަމަލު ކުރާ ގޮތަށް ކަމަށާއި އެމީހުން އެމެރިކާއިން ބޭރުކުރަން ޖެހޭ ކަމަށް ލިޔުއްވާފައެވެ. އަދި އެބޭފުޅުންނަކީ މޮޔަ ބައެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އެމީހުންނަކީ ކޮރަޕްޓް ސިޔާސީ މީހުން. އެއި އަހަރެމެންގެ ގައުމަށް ރަނގަޅު ކަމެއް ނޫން. އެމީހުން އައި ތަނަށް ވީހާވެސް އަވަހަކަށް އަނބުރާ ފޮނުވަންވީ." ޓްރަމްޕް ވިދާޅުވިއެވެ.
އިލްހާން ތަމްސީލު ކުރައްވަނީ މިނެސޮޓާގެ ފަސް ވަނަ ކޮންގްރެސް ޑިސްޓްރިކްޓް ކަމަށްވާ މިނިއަޕޮލިސް ސިޓީއެވެ. މިދިޔަ އަހަރު ޓްރަމްޕް ވަނީ އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް ފިޔަވަޅު އަޅަން ފަށައިފައެވެ.
ޖެނުއަރީ މަހު މިނެސޮޓާގައި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އާއި ކަސްޓަމްސް އެޖެންޓުން ހިންގަމުންދަ އިމިގްރޭޝަން ރޭޑްތަކާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް ފެޑެރަލް އޮފިސަރުން ވަނީ އެމެރިކާގެ ދެ ރައްޔިތުން މަރާލާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މުސްލިމް މެމްބަރު ރާޝިދާ ތުލައިބް-- ފޮޓޯ/އޭއެފްޕީ
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި އިމިގްރޭޝަން އިސްލާހުކުރުން ފަދަ މައްސަލަތަކާ ދެކޮޅަށް ވާހަކަ ދައްކަވާތީ އެމެރިކާއަށް ހިޖުރަކޮށްފައިވާ ސޯމާލިއާއަށް އުފަން މުސްލިމެއް ކަމަށްވާ އިލްހާނަށް މީގެ ކުރިން ވަނީ އެމެރިކާގެ ކޮންޒަވޭޓިވުންގެ ފާޑުކިޔުންވެސް އަމާޒުވެފައެވެ.
އިލްހާނަކީ "ކުންޏެއް" ކަމަށް ވިދާޅުވެ، ސޯމާލިއާ-އެމެރިކާ ކޮމިއުނިޓީގެ މެމްބަރުން ހިމެނޭ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އޭނާގެ މާލިއްޔަތު ތަހުގީގު ކުރައްވާނެ ކަމަށްވެސް ޓްރްމަޕް ވަނީ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައެވެ.
އިލްހާނަކީ އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ދެ އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅާއެވެ. އިލްހާން މިހާރު އަދާކުރައްވަމުން ގެންދަވަނީ ގާނޫނު ހަދާ މަޖިލީހުގެ ހަތަރު ވަނަ ދައުރެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނުނު ފަލަސްތީނު ނަސްލުގެ ފުރަތަމަ އަންހެން ބޭފުޅާ ކަމަށްވާ ރާޝިދާ ތުލައިބްއަކީ 2019 ވަނަ އަހަރުން ފެށިގެން ގާނޫނު ހަދާ މަޖިލީހުގައި މިޝިގަން ތަމްސީލުކުރައްވާ ބޭފުޅާއެވެ.