ޓްރަމްޕް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ލިޔުންތަކެއް ފޮރުވައިގެން އެބައުޅޭ: ޑިމޮކްރެޓުން

ޓްރަމްޕް އެޕްސްޓިން އާއެކު

ވޮޝިންޓަން (26 ފެބްރުއަރީ 2026) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ހާމަވާ ލިޔުންތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ފޮރުވައިގެން އުޅޭކަމަށް އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ތުހުމަތުކޮށްފިއެވެ.

ޑިމޮކްރެޓިކް ޕާޓީން ނެރުނު ބަޔާނެއް ބުނާގޮތުން މިއީ ހާމަކުރުމަށް ކޯޓުން ހުކުމްކުރި އެޕްސްޓިން ފައިލްތަކުގެ ތެރޭގައި ހިމެނޭ ފައިލެކެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓިން މައްސަލައާބެހޭ ގިނަ އަދަދެއްގެ ފައިލްތައް ހާމަކޮށްފައިވާއިރު އަދިވެސް ދެ މިލިޔަނެއްހާ ލިޔެކިޔުންތައް ހާމަކުރުމަށް އެ ޑިޕާޓްމަންޓުން ގެންދަނީ ފަސްޖެހެމުންނެވެ.

ކޮންގްރެސްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އޯވާ ސައިޓް ސަބްކޮމިޓީގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވިދާޅުވިގޮތުގައި ޓްރަންޕް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ޑޮކިއުމެންޓްތައް ޖަސްޓިސް ޑިޕާޓްމަންޓްގައި ހުރިކަން އެނގެއެވެ. މިއީ ހަގީގަތެކެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާ ސަރުކާރަކުން އެންމެ ބޮޑަށް ސިއްރު ކުރަމުންދާ ޑޮކިއުމެންޓްތައް ކަމަށްވެސް ޑިމޮކްރެޓުން ބުނެއެެވެ.

ޓްރަމްޕް ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެޕްސްޓީން ޖިންސީ ޖަރީމާތައް ހިންގި ޖަރީރާކަމަށްވާ ސެއިންޓް ޖޭމްސްގައި ކަމަށް މިޑީއާ ރިޕޯޓްތައްވެސް ބުނާއިރު ޑިމޮކްރެޓުން ބުނަނީ ޓްރަމްޕް އާބެހޭ މި ފައިލް ހާމަވެއްޖެނަމަ އޭނާ މާގާމުން ދުރުކުރުމަށް މަގުފަހިވެގެންދާނެކަމުގައެވެ. މިފައިލްތައް ސިއްރު ކުރަނީ މިސަބަބާ ގުޅިގެންނެވެ.

ރިޕަބްލިކަން ޕާޓީގައި ހިމެނޭ ޓްރަމްޕް ގެ "މާގާ" ފިކުރަށް ތާއީދުކުރާ ފަރާތްތައް ތުހުމަތު ކުރާގޮތުގައި ޓްރަމްޕް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފައިލް ވަނީ އެމެރިކާ ސަރުކާރުގައި ހިމެނޭ އިސްރާއީލަށް ތާއީދުކުރާ މީހުންގެ އަތްދަށުގައެވެ.

މި ފައިލް ބޭނުންކޮށްގެން އިސްރާއީލުން ޓްރަމްޕަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުން ގެންދާކަމަށާ އީރާނަށް އިސްވެ ހަމަލާ ދިނުމުގެ މައްސަލާގައި ޓްރަމްޕަށް ޕްރެޝަރު ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިފައިލް ބޭނުންކުރާ ކަމަށް މާގާ ފިކުރުގެ މީހުން ތުހުމަތު ކުރެއެވެ. އެއީ އީރާނަށް ހަމަލާ ނުދޭން ޓްރަމްޕް ނިންމަވައިފިނަމަ މި ލިޔެކިޔުންތައް ބޭޒާރު ކޮށްލާނެކަމުގެ ޕްރެޝަރެވެ.

ޑިމޮކްރެޓިކް ޕާޓީގެ ތުހުމަތު ތަކާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނަނީ އެޕްސްޓިން ފައިލްތަކުގެ ތެރެއިން ބައެއް ފައިލްތައް ހާމަނުކޮށް ހުންނާނެކަމަށާ އެއީ ގާނޫނީ ގޮތުން އެބާރު ލިބޭތީއެވެ.

comment ކޮމެންޓް