ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ވިއްކާ ޓީބިލާއި ޓީބޮންޑު ގަތުމުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު މިދިޔަ އަހަރު 16.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ޓީބިލާއި ޓީބޮންޑަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން ކުރު މުއްދަތަށާއި ދިގު މުއްދަތަށް ނަގާ ދަރަންޏެވެ. އެގޮތުން ޓީބިލާއި ޓީބޮންޑުގައި އާންމު ގޮތެއްގައި އިންވެސްޓް ކުރަނީ ބޭންކްތަކާއި ޕެންޝަން ފަންޑާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
ގައުމީ ބޭންކް، ބީއެމްއެލްއިން ވެސް ޓީބިލާއި ޓީބޮންޑުތަކަށް އާންމު ގޮތެއްގައި އިންވެސްޓްކުރެއެވެ. އެ ބެންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ ފާއިތުވި ދެ އަހަރު ސަރުކާރުގެ ޓީބިލާއި ޓީބޮންޑަށް އިންވެސްޓްކޮށްފައިވާ އަދަދުތައް ހާމަކޮށްފައެވެ. އެއީ:
2024
- ޓީބިލް - 10.86 ބިލިއަން ރުފިޔާ
- ޓީބޮންޑް - 2.42 ބިލިއަން ރުފިޔާ
2025
- ޓީބިލް - 11.07 ބިލިއަން ރުފިޔާ
- ޓީބޮންޑް - 5.46 ބިލިއަން ރުފިޔާ
އެ އަދަދުތަކުން ދައްކާ ގޮތުން، 2024 ވަނަ އަހަރު ސަރުކާރުން ޓީބިލާއި ޓީބޮންޑަށް، ބީއެމްއެލްއަށް އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު ހުރީ 13.3 ބިލިއަން ރުފިޔާގައެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދުވަނީ 16.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2024ގައި ބީއެމްއެލްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެ ބަދަލު ގެނައީ، ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމައި އޮގަސްޓު 2024ގައި ކުރި އިއުލާނަކާ ގުޅިގެން ސަރުކާރުގެ ފާޑު ކިޔުން ބޯޑަށް އަމާޒުވި ދަނޑިވަޅެއްގައެވެ. އަދި ބޭންކުގެ އޭރުގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ވެސް ދެއްވައިފައި ވަނިކޮށެވެ.
ސަރުކާރުން ވަނީ ބީއެމްއެލްއިން އެ އިއުލާން ކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ ޚިލާފަށް ކަމަށް ބުނެފައެވެ. އަދި އޭރު ރައީސް ވަނީ އެއީ ބަޣާވާތެއް ކުރަން އުޅުމުގެ ގޮތުގައި ސިފަކުރައްވާފައެވެ.