ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގެއް ފަށައިފިއެވެ.
އެޗްއާރުސީއެމުން ތަހުގީގެއް ފަށާފައި ވަނީ، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ވެސް، ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ފަހުންނެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ވެމްކޯގައި ކުނި އުކާލުމާއި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ފާހަގަވެފައިވާތީ އެކަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
މިގޮތުން، ތަކުރާރުކޮށް، ވެމްކޯގެ މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް އަނިޔާ ލިބޭކަން ފާހަގަވެ، މުވައްޒަފުންގެ ފުރާނައަށް ގެއްލުންވި ހާދިސާތަކެއް ރިޕޯޓުކޮށްފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ވެމްކޯގެ މީހަކު ކުނި ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެންވެ، އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ ސަލާމަތްތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ބަޔާނުގައި ވަނީ، އެ ފަދަ ހާދިސާތަކުގެ ސަބަބުން ވެމްކޯގައި ހުރި މަސައްކަތުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އެކަށީގެންވާ ކަމާމެދު އާންމުންގެ މެދުގައި ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި، ތަހުގީގުގެ ތެރެއިން މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުވޭތޯއާއި އެ މީހުން ހުށަހެޅިދާނެ ނުރައްކާތައް ބަލާނެއެވެ.
އޭގެއިތުރަށް، އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ފޯރުކޮށްދީ، ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރާއި މަސައްކަތްތެރިންނަށް މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެކަށީގެންވާ ތަމްރީނުތައް ފޯރުކޮށްދީފައިވޭތޯ ބަލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މި ތަހުގީގުގެ ތެރެއިން، ބިރު ދެއްކުމެއް ނުވަތަ ބަދަލު ހިފުމުގެ ބިރެއް ނެތި މަސައްކަތުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު އޮތްތޯ ބަލަން އެޗްއާރުސީއެމުން ވަނީ ނިންމާފައެވެ.
އެ ކޮމިޝަނުން ވަނީ، ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެއްބާރުލުން ދިނުމަށް ވެމްކޯގެ މުވައްޒަފުންނާއި މަސައްކަތްތެރިންނާއި މައުލޫމާތު ލިބިފައިވާ މީހުންނަށް ގޮވާލާފައެވެ. ފޯރުކޮށްދޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓާނެ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ، މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ، މިދިޔަ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި މީހަކު ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި އޭނާ ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއްހާއިރު ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް މީހަކު ވަނީ ވެއްޓިފައެވެ. އެ ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
'ސަން'އިން ސުވާލުކުރުމުން ވެމްކޯއިން ބުނީ، ކޮންޓެނިއަރަށް ވެއްޓިފައި ވަނީ، އެ ކުންފުނީގެ ޑްރައިވަރެއް ކަމަށެވެ. އޭނާ ކޮންޓެއިނަރަށް ވެއްޓުނީ، ކުރަންނުޖެހޭ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ކަމަށް ވެމްކޯއިން ބުންޏެވެ.
އެ ކަމާ ގުޅިގެން ވެމްކޯއިން ބުނީ، އެ ހާދިސާ ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ހުރިހާ އިދާރާއަކަށް ދޭން ޖެހޭ އެއްބާރުލުން ދެމުންދާނެ ކަމަށެވެ.
މީގެ ކުރިން، މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން، މަރުވެފައި އޮއްވައި އުމުރުން 24 އަހަރުގެ ބިދޭސީއެއް ވަނީ ފެނިފައެވެ.