(ކުއާލަލަމްޕޫރު) އިސްލާމީ ފަލްސަފާއާއި ތާރީޚާއި އަދި ތަމައްދުނުގެ ދާއިރާއިން ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ޢިލްމުވެރިޔާ، ރޯޔަލް ޕްރޮފެސަރު ތަންސްރީ ޑރ. ސައްޔިދު މުޙައްމަދު ނަޤީބުލް ޢައްޠާސް އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 94 އަހަރުގައި އޭނާ އަވަހާރަވީ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:47 ހާއިރު މެލޭޝިއާގައެވެ.
ޕްރޮފެސަރު ނަޤީބުލް ޢައްޠާސްއަކީ މި ޒަމާނުގެ އިސްލާމީ ވިސްނުމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވެނީ "އިސްލާމައިޒޭޝަން އޮފް ނޮލެޖް" މި ފަލްސަފާ ދުނިޔެއަށް ތަޢާރަފްކޮށްދެއްވި މުފައްކިރުގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް އެންޑް ސިވިލައިޒޭޝަން (އިސްޓެކް) ބިނާކުރައްވައި، އެ މުއައްސަސާ މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގެ އެތައް ޢިލްމުވެރިންނެއް އުފައްދަވާފައެވެ.
އިސްލާމީ ފަލްސަފާއާއި ތަސައްވުފުގެ ރޮނގުގައި އޭނާ ލިޔުއްވި 20 އަށްވުރެ ގިނަ ފޮތަކީ މިއަދު ވެސް މުޅި އިސްލާމީ ދުނިޔޭގައި މަރުޖިޢުތަކެއްގެ ގޮތުގައި ބޭނުންކުރާ ފޮތްތަކެކެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް)އިން ކިޔެވި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ވެސް ޕްރޮފެސަރު ނަޤީބުލް ޢައްޠާސްގެ ޢިލްމީ ފަލްސަފާއިން ބޮޑެތި ފައިދާތަކެއް ކޮށްފައިވެއެވެ. މި ގޮތުން، އޭނާގެ ޢިލްމީ އުޞޫލުތަކުން ތަރުބިއްޔަތުވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިހާރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ދައުލަތުގެ އެކި އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޔުނިވާސިޓީތަކުގެ ލެކްޗަރާރުން ހިމެނެއެވެ.
އިސްލާމީ ތަޢުލީމަށް ކުރެއްވި މިފަދަ އަގުނުކުރެވޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މެލޭޝިއާގެ ރަސްގެފާނު ވަނީ އޭނާއަށް "ރޯޔަލް ޕްރޮފެސަރު"ކަމުގެ އެންމެ މަތީ ޝަރަފު އަރުވާފައެވެ.
ޕްރޮފެސަރު ނަޤީބުލް ޢައްޠާސްގެ ކަށުނަމާދު އޮތީ މިއަދު ހެނދުނު ކުއާލަލަމްޕޫރުގެ ތަމަން ތުން ޑރ. އިސްމާއިލްގައި ހުންނަ މަސްޖިދުއްތަޤުވާގައެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ އޭނާގެ ދަރިކަލުން ދާތުކް ޑރ. ސައްޔިދު ޢަލީ ތައުފީޤް އަލްޢައްޠާސްއެވެ. މި ޖަނާޒާގައި މެލޭޝިއާގެ ބޮޑުވަޒީރު ދާތުކް ސެރީ އަންވަރު އިބްރާހީމާއި ސަރުކާރުގެ އިސްވެރިންނާއި މެލޭޝިއާގެ ޝާހީ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ ފަސްދާނުލާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި، ކުއާލަލަމްޕޫރުގެ ބުކިޓް ކިއާރާ މުސްލިމް ގަބުރުސްތާނުގައެވެ.