ބިޓްކޮއިންގެ އަގު 70،000 ޑޮލަރަށްވުރެ މައްޗަށް

ބިޓްކޮއިންގެ އަގު މައްޗަށް ދިއުމާއެކު އެހެނިހެން ކްރިޕްޓޯތަކުގެ އަގުވެސް ވަނީ މައްޗަށް ގޮސްފައި ----

ކްރިޕްޓޯކަރަންސީ މާކެޓުގެ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމުގެ މަސައްކަތްތަކާއެކު، ބިޓްކޮއިންގެ އަގު ވަނީ 70,100 ޑޮލަރަށް އުފުލިފައެވެ. މިއީ މާކެޓު އެއް ހަމައެއްގައި ހިފެހެއްޓެމުންދާ ދަނޑިވަޅެއްގައި ފެނުނު ހެޔޮ ބަދަލެކެވެ. ނަމަވެސް، އިތީރިއަމް ފަދަ އެހެން ކަރަންސީތައް އަދިވެސް އޮތީ ދަށަށްދާ ޓްރެންޑެއްގައެވެ. އިންވެސްޓަރުންގެ މެދުގައި ބިޓްކޮއިންއަށް އޮތް އިތުބާރު ބޮޑުވެފައިވާއިރު، ގިނަ ބަޔަކު ދަނީ ކޮއިންތައް ވިއްކާލުމުގެ ބަދަލުގައި ރައްކާކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި މާކެޓުގެ މިސްރާބު ކަނޑައެޅޭނީ އިޤްތިޞާދީ މުހިންމު ހިސާބުތަކާއި ބިޓްކޮއިންގެ ސަޕޯޓް ޒޯންތައް ހިފެހެއްޓޭ މިންވަރެއްގެ މައްޗަށެވެ.

  • ބިޓްކޮއިންގެ އަގު 70,100 ޑޮލަރަށް އަރައި، މާކެޓުގައި ކުރިއެރުންތަކެއް ފެނިފައިވެއެވެ.
  • ބިޓްކޮއިންގެ ސަޕޯޓް ޒޯން 68,000 އާއި 68,500 ޑޮލަރާ ދެމެދު ކަމަށް އެނަލިސްޓުން ބުނެއެވެ.
  • އިތީރިއަމްގެ އަގު 2,000 ޑޮލަރުގައި ހުރިއިރު، އެ ކަރަންސީ އަދިވެސް އޮތީ ދަށަށްދާ މިސްރާބެއްގައެވެ.
  • އިންވެސްޓަރުން ކޮއިންތައް ވިއްކާލުމުގެ ބަދަލުގައި ރައްކާކުރުމަށް އިސްކަންދެމުންދާކަން ޑޭޓާތަކުން ދައްކައެވެ.
  • މާކެޓުގެ ކުރިމަގު ބިނާވަނީ އެމެރިކާގެ އިންފްލޭޝަން ރޭޓު ފަދަ އިޤްތިޞާދީ ހިސާބުތަކުގެ މައްޗަށެވެ.

ފާއިތުވި ދުވަސްތަކުގައި ކްރިޕްޓޯކަރަންސީ މާކެޓަށް އައި ބޮޑެތި ބަދަލުތަކަކަށްފަހު، މާކެޓު އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ފަށާފައިވާއިރު، އަންގާރަ ދުވަހު ބިޓްކޮއިންގެ އަގު ވަނީ 70,100 ޑޮލަރަށް އަރައިފައެވެ.

މާހިރުން ސިފަކުރާ ގޮތުގައި މިއީ މާކެޓު އެއް ހަމައެއްގައި ހިފެހެއްޓެމުންދާ ދަނޑިވަޅެއްގައި ފެނުނު ވަގުތީ ކުރިއެރުމެކެވެ. ބިޓްކޮއިންއާ ޚިލާފަށް، ދެވަނައަށް އެންމެ ބޮޑު ކްރިޕްޓޯކަރަންސީ ކަމަށްވާ އިތީރިއަމް (އީޓީއެޗް) ގެ އަގު އުޅެނީ 2,000 ޑޮލަރުގައެވެ. މިއިން ދައްކައިދެނީ ޑިޖިޓަލް އެސެޓް މާކެޓާމެދު އިންވެސްޓަރުންގެ ޚިޔާލު ތަފާތުވެފައިވާ މިންވަރެވެ.

https://sun.mv/215403

މިވަގުތު ބިޓްކޮއިންގެ އަގު އުޅެނީ ވަރަށް ހަނި މިންގަނޑެއްގެ ތެރޭގައެވެ. އެނަލިސްޓުން ފާހަގަކުރާ ގޮތުގައި ބިޓްކޮއިންގެ އަގު ދަށަށް ދިއުމުން ހިފަހައްޓައިދޭނެ އެންމެ ގާތް މިންގަނޑަކީ (ސަޕޯޓް ޒޯން އަކީ) 68,000 އާއި 68,500 ޑޮލަރާ ދެމެދެވެ. އަދި އަގު މައްޗަށް ދިއުމަށް ހުރަސްއެޅޭ މިންގަނޑަކީ (ރެސިސްޓެންސް ޒޯން އަކީ) 70,000 އާއި 72,000 ޑޮލަރާ ދެމެދެވެ. ފަހަކަށް އައިސް އަގު މައްޗަށް ދާން އުޅޭ ކޮންމެ ފަހަރަކުވެސް މި މިންގަނޑުން ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައެވެ.

ބިޓްކޮއިންގެ އަގު މައްޗަށް ދިއުމާއެކު އެހެނިހެން ކްރިޕްޓޯތަކުގެ (އޯލްޓްކޮއިންތަކުގެ) އަގު ވެސް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ބައިނޭންސް ކޮއިން (ބީއެންބީ) 644 ޑޮލަރުގައި، ސޮލާނާ (އެސްއޯއެލް) 86 ޑޮލަރުގައި، އެކްސްއާރްޕީ 1.38 ޑޮލަރުގައި އަދި ޑޯޖްކޮއިން އުޅެނީ 0.09 ޑޮލަރުގައެވެ. މިއިން ދައްކައިދެނީ މާކެޓުގައި ފައިސާ ދައުރުވާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމެވެ.

ޖިއޮޓަސް ޑޮޓް ކޮމްގެ ސީއީއޯ ވިކްރަމް ސުއްބުރާޖް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ބިޓްކޮއިން 4.1 އިންސައްތަ ކުރިއަރާފައިވާ ކަމަށާއި، 70,000 އާއި 72,000 ޑޮލަރާ ދެމެދުގެ މިންގަނޑަކީ އަގު މައްޗަށް ދިއުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އަނެއްކޮޅުން އިތީރިއަމްއާ ގުޅޭގޮތުން ޒެބްޕޭގެ މާހިރުން ބުނެފައިވަނީ، އިތީރިއަމް އަދިވެސް އޮތީ ދަށަށްދާ ޓްރެންޑެއްގައި ކަމަށެވެ. މީގެ މަސްތަކެއް ކުރިން 4,900 ޑޮލަރުގައި ހުރި އިތީރިއަމް މިހާރު 2,000 ޑޮލަރަށް ވެއްޓިފައިވާއިރު، މިއީ ގާތްގަނޑަކަށް 55 ނުވަތަ 60 އިންސައްތައިގެ ވެއްޓުމެއްކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ. އަދި އައު އުސްމިންތަކަކަށް އަގު ނާރާހާ ހިނދަކު އިތީރިއަމް އޮންނާނީ ދަށަށްދާ މިސްރާބެއްގައި ކަމަށް އެ މާހިރުން ބުންޏެވެ.

މުޑްރެކްސްގެ ލީޑް ކުއާންޓް އެނަލިސްޓް އަކްޝަޓް ސިދާންތް ވިދާޅުވީ، ޑޭޓާތަކުން ދައްކާގޮތުގައި 32,000 އަށްވުރެ ގިނަ ބިޓްކޮއިން ވަނީ އެކްސްޗޭންޖުތަކުން ނަގާފައެވެ. މިއީ އިންވެސްޓަރުން ކޮއިން ވިއްކާލުމުގެ ބަދަލުގައި އެއްކޮށް، ރައްކާކުރަމުންދާ ކަމުގެ ހެއްކެކެވެ.

މީގެ އިތުރުން މުއައްސަސާތަކުގެ އިތުބާރުވެސް ބިޓްކޮއިންއަށް އޮތްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އަގު މައްޗަށް ދާން ފަށައިފިނަމަ 74,000 ޑޮލަރަށް ބިޓްކޮއިން އެރުން އެކަށީގެންވާ ކަމަށެވެ.

ޖުމްލަ ގޮތެއްގައި ކްރިޕްޓޯ މާކެޓު އަދިވެސް އޮތީ ހާލަތު ބަލަން މަޑުކުރާ މަރުހަލާއެއްގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މާކެޓުގެ މިސްރާބު ބިނާވާނީ އެމެރިކާގެ އިންފްލޭޝަން ރޭޓު ފަދަ މުހިންމު އިޤްތިޞާދީ ހިސާބުތަކާއި، 68,000 ޑޮލަރުން ދަށަށް ނުގޮސް ބިޓްކޮއިން ހިފަހައްޓާލާ މިންވަރެއްގެ މައްޗަށެވެ.

comment ކޮމެންޓް