އެޑޯބީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި 18 އަހަރު ހޭދަކުރެއްވުމަށްފަހު، ޝަންޓަނޫ ނަރާޔަން އެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.
އޭނާ މި ނިންމެވުން ނިންމަވާފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ކުންފުނީގެ މުސްތަގުބަލާމެދު އިންވެސްޓަރުން ގިނަ ސުވާލުތަކެއް އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
މި ޚަބަރާއެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ ހަތް އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މިއަހަރުގެ މިހާތަނަށް ހިއްސާގެ އަގު 23 އިންސައްތަ ވެއްޓިފައިވާއިރު، މިއީ ފާއިތުވި ތިން އަހަރު ތެރޭގައި ހިއްސާގެ އަގު އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.

ނަރާޔަން ވަނީ ކުންފުނީގެ ފައިދާ ރަނގަޅު މިސްރާބަކަށް ގެންގޮސްދީފައި ---
އައު ސީއީއޯއަކު ހޯދުމުގެ މަސައްކަތް ކުންފުނީގެ ބޯޑުން މިހާރު ފަށާފައިވާއިރު، އައު ބޭފުޅަކު ހަމަޖެހެންދެން ނަރާޔަން ސީއީއޯގެ މަގާމުގައި ދެމިހުންނަވާނެއެވެ. އަދި އޭގެ ފަހުންވެސް ކުންފުނީގެ ބޯޑުގެ ޗެއާމަންގެ ގޮތުގައި އޭނާ ހަރަކާތްތެރިވެވަޑައިގަންނަވާނެއެވެ.
ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރު އެޑޯބީއާ ގުޅިވަޑައިގަތުމަށްފަހު، 2007 ވަނަ އަހަރު ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތް ނަރާޔަންގެ ލީޑާޝިޕްގެ ދަށުން އެކުންފުންޏަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން، ލައިސަންސް ވިއްކައިގެން އާމްދަނީ ހޯދުމުގެ ބަދަލުގައި، 'ކްރިއޭޓިވް ކްލައުޑް' މެދުވެރިކޮށް މަހުފީ (ސަބްސްކްރިޕްޝަން) ދައްކާ ނިޒާމަކަށް ކުންފުނީގެ ވިޔަފާރި ބަދަލުކުރުމަކީ އޭނާގެ އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އޭނާގެ ދައުރުގައި ކުންފުނީގެ އަހަރީ އާމްދަނީ ގާތްގަނޑަކަށް ހަ ގުނަ އިތުރުވެ، 24 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މުވައްޒަފުންގެ އަދަދު ވަނީ 7،000 އިން 30،000 އަށް އިތުރުވެފައެވެ.

އެޑޯބީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ސަބްސްކްރިޕްޝަންތަކުން ---
ނަމަވެސް، ފަހުގެ ތާރީޚެއްގައި އެކުންފުންޏަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ 20 ބިލިއަން ޑޮލަރަށް ޑިޒައިން ޕްލެޓްފޯމް 'ފިގްމާ' ގަތުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމެވެ. އެމެރިކާ އަދި ވިލާތުގެ އެންޓި-ޓްރަސްޓް ރެގިއުލޭޓަރުންގެ ކަންބޮޑުވުންތަކާ ހުރެ އެ ޑީލް ކެންސަލް ކުރަން ޖެހުމުން، އެޑޯބީއިން ވަނީ ބަދަލުގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ފިގްމާއަށް ދީފައެވެ.
ނަރާޔަން މަގާމުން ވަކިވެވަޑައިގަންނަވާއިރު، އެޑޯބީގެ މާލީ ހާލަތު އޮތީ ރަނގަޅު ފެންވަރެއްގައެވެ. ނިމިދިޔަ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް 6.40 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އުންމީދުކުރި ވަރަށްވުރެ ރަނގަޅު އަދަދެކެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ސަބްސްކްރިޕްޝަންތަކުންނެވެ.
ކުންފުނީގެ ކުރިމަގު މިހާރު އެންމެ ބޮޑަށް ގުޅިފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެވެ. އެގޮތުން އެޑޯބީގެ 'ފަޔަރފްލައި' އޭއައި މޮޑެލްތަކުން ލިބޭ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ތިންގުނަ އިތުރުވެފައެވެ. ނަރާޔަން ސިފަކުރެއްވި ގޮތުގައި މިއީ އެޑޯބީގެ "ކުރިއަށް އޮތް ބިލިއަން ޑޮލަރުގެ ވިޔަފާރި" އެވެ.
އިންވެސްޓަރުންނާއި މާކެޓުން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަމުން ދަނީ އެޑޯބީއާ ދެން ހަވާލުވާ އައު ލީޑަރަކީ ކާކުތޯ ބެލުމަށާއި، އޭއައިގެ މި ވާދަވެރި ދުވަސްވަރުގައި ކުންފުނީގެ މަގާމު ދިފާއުކޮށް ކުރިއަށް ގެންދާނެ ގޮތެއް ބެލުމަށެވެ.