ކޮޕީ ފަތަކީ ދިވެހިންގެ ކެއުމުގެ އާދަކާދައިގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، ފައިދާހުރި ފަތުގެ ބާވަތެކެވެ. ހާއްސަކޮށް ރަމަޟާން މަހު ރޯދަވީއްލާ ވަގުތަށް މަސްހުނި ތައްޔާރުކުރުމަށާއި އެކި ކަހަލަ ސަޓަނި ތައްޔާރު ކުރުމަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ބާވަތުގެ ފަތަކީ ކޮޕީފަތެވެ.
ކޮޕީފަތުން ލިބިދޭ ސިއްހީ ފައިދާތަކާ ގުޅޭގޮތުން ޑރ ޢަބުދުލް ޢަޒީޒު ޙަމީދު އޭނާގެ ސިއްހަތު ބްލޮގްގައި ވަރަށް ތަފުސީލުކޮށް އެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. މި ފަތަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ މަދުން ފޯރުކޮށްދޭ، ސަރުބީ އެކުލެވިގެންނުވާ، ނަމަވެސް ފައިބަރުން މުއްސަނދިވެފައިވާ ބާވަތެެއް ކަމަށް ޑރ ޢަޒީޒު ވަނީ އަމިއްލަ ބްލޮގްގައި ބަޔާންކުރައްވާފައެވެ.
ކޮޕީ ފަތުގައި ހިމެނޭ ފައިބަރުގެ ސަބަބުން ލޭގައި ހުންނަ ނުރަނގަޅު ސަރުބީ ދަށްކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން ބަނޑުހިކުމާއި، ފުރަގަސްފަރާތު ބައްޔާއި، ގޮހޮރުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ބާރުއަޅައެވެ.

ރާއްޖޭގެ ރަށެއްގައި ކޮޕީފަތް ގަސްތައް ހައްދާފައި--ފޮޓޯ/ގޫގްލް
އެ ލިޔުއްވުމުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ކޮޕީ ފަތުގައި ހިމެނޭ "ސަލްފޮރަފޭން" އަކީ ބަނޑާއި ގޮހޮރުގެ ފަށަލައިގައި "ހެލިކޮބެކްޓަރ ޕައިލޯރި" ޖަރާސީމު އަށަގަތުން ހުއްޓުވައިދޭ މާއްދާއެއްކަން ސިއްހީ ދިރާސާތަކުން ވަނީ ދައްކާފައެވެ.
މީގެ އިތުރުން، މި ފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކާއި ފައިޓޯނިއުޓްރިއެންޓްތަކުގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރާއި، އުރަމަތީގެ ކެންސަރާއި، ރަހިމުގެ ދޮރުގެ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. މި މާއްދާތަކަކީ ކެންސަރުގެ ސެލްތައް އުފެދުމާއި އާލާވުން ކުޑަކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ބާރުގަދަ މާއްދާތަކެކެވެ.
ކޮޕީ ފަތަކީ ވިޓަމިން ބީގެ ބާވަތެއް ކަމަށްވާ ފޮލިކް އެސިޑުން މުއްސަނދި ފަތެކެވެ. މިއީ ހަށިގަނޑުގައި ޑީއެންއޭ އުފެއްދުމަށާއި، ނާރުތަކުގެ ދުޅަހެޔޮކަމަށާއި، ލޭގެ ރަތް ސެލްތައް އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރު ދަރިފުޅުގެ ހަށިގަނޑު އައިބުވުމުން ރައްކާތެރިކޮށްދިނުމަށާއި، ހިތުގެ ބަލިތަކުން ދުރުވުމަށް ފޮލިކް އެސިޑް އެހީތެރިވެދެއެވެ. އަދި ކަށިފީވުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް މި މާއްދާގެ ދައުރު ބޮޑެވެ.

ކޮޕީފަތުން ތައްޔާރުކޮށްފައިވާ ސަޓަނި--ފޮޓޯ/ފޭސްބުކް
މީގެ އިތުރުން، ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ވިޓަމިން އޭ އަދި ވިޓަމިން ކޭ އެކުލެވިގެންވެއެވެ. ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަވެ، ރޯގާ ފަދަ ބަލިތަކުން ސަލާމަތްކޮށްދެއެވެ.
ވިޓަމިން އޭ އަކީ ލޮލުގެ ފެނުމާއި، ހަމާއި، ދަތްތަކުގެ ދުޅަހެޔޮކަމަށް މުހިންމު ވިޓަމިނެކެވެ. ވިޓަމިން ކޭގެ ސަބަބުން ލޭ މަނާކުރުމަށާއި ކަށިތައް ވަރުގަދަކުރުމަށް އެހީތެރިވެދޭއިރު، މިއީ އަލްޒައިމާ ފަދަ ބަލިތަކަށް ފަރުވާކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ކޮޕީ ފަތުގައި ހިމެނޭ ކެލްސިއަމްއަކީ ދަތްތަކާއި ކަށިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ މުހިންމު މައުދަނެކެވެ.
ކޮޕީފަތަކީ ދިވެހި ބާޒާރުން ފަސޭހައިން ލިބެން ހުންނަ އަދި ގޭގޭގައި ވެސް ފަސޭހަކަމާ އެކު ހައްދާލެވޭ ބާވަތަކަށް ވުމުން މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލެވިދާނެ ވަރަށް ފައިދާހުރި ބާވަތެކެވެ.